އިންޑިއާއިން މި އަހަރު އޮސްކާ އެވޯޑަށް ނޮމިނޭޓުކުރުމަށް ހޮވި ފިލްމު "ލާޕަތާ ލޭޑީސް"އަކީ އަރަބި ކުރު ފިލްމެއްގެ ވާހަކަ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަރަބި ކުރު ފިލްމެއް ކަމަށްވާ "ދަ ބުރުގާ ސިޓީ" ބެލުމަށްފަހު ވަރަށް ގިނަ ބަޔަކު އަންނަނީ ފިލްމު "ލާޕަތާ ލޭޑީސް"ގައި ގެނެސްދިން ވާހަކައާ މި ފިލްމުގައި ދައްކުވައިދޭ ހާދިސާތަކާ އެއްގޮތްކަމެއް ހުރިކަމަށް ބުނަމުންނެވެ.
ބައެއް ބެލުންތެރިންގެ ފަރާތުން މިކަމާ ގުޅިގެން ބަހުސްތަކެއް ކުރެވެންފެށި "ލާޕަތާ ލޭޑީސް"ގެ ޕްރޮޑަކްޝަން ޓީމަށް އެކަން އެނގުމުން ފިލްމުގެ ވާހަކަ ލިޔުނު ބިޕްލަބް ގޮސްވާމީ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާއްސަ ސްޓޭޓްމެންޓެއް ނެރެފައެވެ.
ފިލްމު "ލާޕަތާ ލޭޑީސް"ގެ ލިޔުންތެރިޔާ ބިޕްލަބް ގޮސްވާމީ ބުނެފައި ވަނީ "ލާޕަތާ ލޭޑީސް" އަކީ 100 ޕަސެންޓު އޮރިޖިނަލް ވާހަކައެއް ކަމަށާއި އެ ވާހަކައިގެ ޚުލާސާ ސްކްރީންރައިޓާސް އެސޯސިއޭޝަންގައި 2014ވަނަ އަހަރު ރެޖިސްޓަކޮށްފައިވާނެ ކަމަށެވެ.

ފިލްމު "ލާޕަތާ ލޭޑީސް"ގެ އަދި އެ ފިލްމުގެ ކޮޕީ ކަމަށް ބުނާ އަރަބި ފިލްމުގެ މަންޒަރެއް--ފޮޓޯ/ޕިންކްވިލާ
އެއީ އަރަބި ފިލްމު "ދަ ބުރުގާ ސިޓީ" ވުޖޫދަށް އައުމުގެ މާކުރި ކަމަށް ބިޕްބަލްގެ ސްޓޭޓްމަންޓްގައި ވަނީ ބުނެފައެވެ.
ރެޖިސްޓަކުރި ޚުލާސާގައި ވެސް ކައިވެނިކޮށްގެން ގެއަށްދާ ފިރިހެނަކު ދަނީ މުޅިން އެހެން އަންހެނަކު ގޮވައިގެން ކަމަށް ލިޔެފައިވާނެ ކަމަށާއި ފިލްމުގެ ހަގީގީ ވާހަކަ ފެށެނީ އެހިސާބުން ކަމަށް ބިޕްބަލް ވަނީ ބުނެފައެވެ.
ފިލްމު "ލާޕަތާ ލޭޑީސް" އަކީ އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ އަލަށް ފިލްމު ޑައިރެކްޝަނަށް ތައާރަފްވި ފިލްމެވެ. މި ފިލްމަކީ ވަރަށް އާދައިގެ ބަޖެޓަކުން މާ މަޝްހޫރު ނޫން ތަރިން ހިމަނައިގެން އުފެއްދި ފިލްމެކެވެ. ނަމަވެސް ފިލްމުގައި ގެނެސްދިން ވާހަކައިގެ ސާދާ ކަމާހުރެ ވަރަށް ގިނަ ބަޔަކަށް މި ފިލްމު ވަނީ ކަމުގޮސްފައެވެ.