އިންޑިއަން އައިޑޮލްގެ މި ފަހަރު ކާމިޔާބުކުރީ މަނާސީ ގޯޝް

އިންޑިއަން އައިޑޮލް 15 ކާމިޔާބުކުރި މަނާސީ--ފޮޓޯ/އެންޑީޓީވީ

ސޮނީ އެންޓަޓެއިމަންޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގެނެސްދެމުން އަންނަ އެ ޗެނަލްގެ މަގުބޫލު ރިއަލިޓީ ޝޯ ''އިންޑިއަން އައިޑޮލް 15'ގެ ގްރޭންޑު ފިނާލޭ ބާއްވައިފިއެވެ.

ރޭ ބޭއްވި ގްރޭންޑް ފިނާލޭގައި "އިންޑިއަން އައިޑޮލް 15" ކާމިޔާބުކޮށްފައި ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ މަނާސީ ގޯޝެވެ.

މަނާސީއަށް ޝޯގެ ޓައިޓްލް މަގާމު ލިބުނީ ޓޮޕް ތިނެކަށް ހޮވުނު ސުބަޖީތު ޗަކްރަވަތީ އަދި ސްނެހާ ޝަންކަރާ ވާދަކޮށްގެންނެވެ.

ގަދަ ތިނެއްގެ ވަނަތައް ހާމަކުރުމާ ހަމައަށް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރީ މި ފަހަރުގެ 'އިންޑިއަން އައިޑޮލް 15' ކާމިޔާބުކުރާނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ސްނެހާ ޝަންކަރު ކަމަށެވެ. ނަމަވެސް ސްނެހާއަށް ލިބުނީ ޓޮޕް ތިނެއްގެ ތިން ވަނަ މަގާމެވެ.

އިންޑިއަން އައިޑަލް 15ގެ ޖަޖުން އަދި ޓޮޕް 5ގެ ބައިވެރިން--ފޮޓޯ/ފޭސްބުކް

މަނާސީ މި ސީޒަނުގެ ޓައިޓްލް މަގާމު ކާމިޔާބު ކުރުމާ ގުޅިގެން ފައިސާގެ އިނާމެއްގެ ގޮތުގައި 28،000 ޑޮލަރު ލިބުނުއިރު ބްރޭންޑެޑް ކާރެއް ވެސް އިނާމެއްގެ ގޮތުގައި ވަނީ ލިބިފައެވެ. މި ފަހަރުގެ އިންޑިއަން އައިޑޮލް ސީޒަންގައި އެ ޝޯއަށް އަންނަ މެހެމާނުންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އަކީ މަނާސީއެވެ.

ޓޮޕް ތިނެއްގައި ވާދަކުރި ތިން ލަވަކިޔުންތެރިންނަކީ ވެސް ވަރަށް ކުޅަދާނަ ހުނަރުވެރި ލަވަކިޔުންތެރިންކަން ފާހަގަކޮށް ޝޯގެ ތިން ފަނޑިޔާރުން ކަމަށްވާ ޝްރޭޔާ ގޯޝަލް، ބާދްޝާހް އަދި ވިޝާލް ދަދްލާނީ ބުނެފައި ވަނީ ތިން މީހުންގެ ތެރެއިން އެއްވަނައަށްދާނެ ލަވަކިޔުންތެރިއެއް ހޮވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

މަނާސީ އާއި ސްނޭހާ އަދި ސުބާޖިތު ޓޮޕް ތިނެއް ކާމިޔާބުކުރުމުގެ މާކުރިން ފިލްމު ބޮލީވުޑްގެ މިއުޒިކް ކުންފުނިތަކުންނާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ހުށަހެޅުންތައް ވަނީ ލިބިފައެވެ.

އެގޮތުން ތިން ވަނައަށް ދިޔަ ސްނޭހާއަށް ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމު ކުންފުނި ޓީ-ސީރީސްގެ މެނޭޖިންގް ޑިރެކްޓަރު ބުޝަން ކުމާރުގެ ފަރާތުން މިއުޒިކް ރެކޯޑު ކުރުމުގެ ކޮންޓްރެކްޓެއް ލިބިފައެވެ.

'އިންޑިއަން އައިޑޮލް 15' މިފަހަރު ވެސް ހޯސްޓުކޮށްފައި ވަނީ ގިނަ ބައެއްގެ މެދުގައި ޝޯ ހޯސްޓެއްގެ ގޮތުގައި މަގުބޫލު އަދިތްޔާ ނާރަޔަންއެވެ.

comment ކޮމެންޓް