މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30އިން 12:00އަށް ރައީސް އޮފީހުންނެވެ.
ރައީސް އޮފީހުން ބުނީ، ބްރޯޑްކޮމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސްކަން ކުރެއްވި މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ. އެއީ އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހިމްއާއި ސަފާ ޝަފީގު، މުހައްމަދު އަބްދުﷲ އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ.