މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅު ހިޔާ"އަށް މިހާތަނަށް ގެންދެވުނީ 30 ބުޅާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ޚަރަދުގައި ގާއިމުކޮށް، އެތަނަށް ބުޅާތައް ގެންދަން ތައްޔާރުވެފައި ވަނިކޮށް، އެ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އެދުނެވެ. އެއީ، އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ. ނަމަވެސް، ސިޓީ ކައުންސިލުން މިނިސްޓްރީއާ ފެސިލިޓީ ހަވާލުކުރަން ނިންމީ އެތަނަށް ކުރި ޚަރަދު ހޯދާ ގޮތަށެވެ.
އޭގެފަހުން، މިދިޔަ ފެބްރުއަރީ މަހު 26ގައި މިނިސްޓްރީން ވަނީ ފެސިލިޓީއާ ހަވާލުވެ، 15 ބުޅާ ގެންގޮސްފައެވެ. އަންނަ ބުރާސްފަތި ދުވަހަށް ދޮޅު މަސްވާއިރު، މިއަދު މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ، މިހާރު އެ ފެސިލިޓީގައި ބަލަހައްޓަމުން ދަނީ 30 ބުޅާ ކަމަށެވެ.

އޮޅުހިޔާގައި އުޅޭ ބުޅަލެއް: މިހާތަނަށް އެ ފެސިލިޓީއަށް ގެންގޮސްފައި ވަނީ 30 ބުޅާ ---- ފޮޓޯ/ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ
ކުރިން އެފެސިލިޓީގައި ހަރުކޮށްފައި ހުރި ދާގަނޑުގެ ދޭތެރެއިން ކުދި ބުޅާތަކަށް ނިކުމެވޭތީ އެކަން ހުއްޓުވަށްޓަކައި އިތުރު ދާގަނޑެއް ކުރީގެ ދާގަނޑު މަތިން ހަރުކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފެސިލިޓީއާ ހަވާލުވުމަށްފަހު ބުޅާތައް ނުގެންގޮސް މަގުމައްޗަށް ދޫކޮށްލާތީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، އެކައުންސިލުން ބޮޑު ޚަރަދެއްކޮށްގެން ރައްޔިތުންނަށްޓަކައި ގާއިމުކުރި ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް، މަގުތައް ނަޖިސް ކުރުމަށާއި މަރުވުމަށް ބައިތިއްބާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ކުރިން އާޒިމް ވަނީ ވިދާޅުވެފައެވެ.
އެހެންވެ، މަގުތަކުގައި ތިބި ބުޅާތައް ވީއެންމެ އަވަހަކަށް އޮޅު ހިޔާއަށް ގެންގޮސް ދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކޮށްފައި ވަނީ އެޗްޑީސީން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.