ކަންގަނާ އަކީ ކެމެރާގެ ކުރިމަތީގައި ޖާދުލެއް ފަދަ ބަތަލާއެއް: ހަންސަލް

ބަތަލާ ކަންގަނާ ޑައިރެކްޓަރު ހަންސަލް މެހެތާއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް

މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތު އަކީ ކެމެރާގެ ކުރިމަތީގައި ޖާދުލެއް ފަދަ ބަތަލާއެއް ކަމަށް ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފިއެވެ.

ކަންގަނާއާ ދެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި ދެ މީހުންގެ ގުޅުން ގޯސްވެފައި އޮތް ނަމަވެސް ކާމިޔާބު ޑައިރެކްޓަރު ހަންސަލް މެހެތާ ވަނީ ބަތަލާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.

ކަންގަނާ އަކީ ފިލްމީ ދާއިރާގައި ވަރަށް ކާމިޔާބު އެހާމެ ހުނަރުވެރި ބަތަލާއެއް ކަމާމެދު ސުވާލު އުފައްދާނެ ފުރުސަތެއް ނެތް ކަމަށް ހަންސަލް ވަނީ ބުނެފައެވެ. ކަންގަނާއާ އެކު 2017 ވަނަ އަހަރު ހަންސަލް އުފެއްދި ސިމްރަން އަކީ މިހާތަނަށް އޭނާއަށް އުފެއްދުނު އެންމެ މޮޅު ފިލްމުކަމަށް ހަންސަލްގެ ސަޕޯޓަރުން މިހާރުވެސް ބުނާކަމަށް ކާމިޔާބު ޑައިރެކްޓަރު ބުނެފައިވެއެވެ.

ކަންގަނާ ފިލްމު "ސިމްރަން"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ

ލޯކް ސަބާގެ ބޭރުގައި ހުރެ މީޑިއާއާ ވާހަކަދައްކަމުން ހަންސަލް މެހެތާ ބުނެފައި ވަނީ ކެމެރާ ކުރިމަތީގައި ކަންގަނާ އަކީ އާދަޔާ ޚިލާފު ބަތަލާއެއް ކަމަށާއި އެކަން ޚުދު ކަންގަނާއަށް ވެސް އިހުސާސްނުކުރެވޭ ކަމަށެވެ.

ބައެއްފަހަރު ކަންގަނާ ދައްކާ ވާހަކަތަކާ ދެކޮޅުވެރިވުމުގެ ސަބަބުން ދެ މީހުންގެ ޚިޔާލު ތަފާތުވި ނަމަވެސް ކަންގަނާ އަކީ ހަންސަލް ވަރަށް ގަޔާވާ ބަތަލާއެއް ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "ސިމްރަން" އަކީ ހަންސަލް އާއި ކަންގަނާ އެކީގައި މަސައްކަތްކުރި ހަމައެކަނި ފިލްމެވެ. ކަންގަނާ އާއި ހަންސަލް މެހެތާ ދާދިފަހުން ވެސް ވަނީ އިންޑިއާގެ ކޮމީޑިއަން، ކުނާލް ކަމްރާގެ ސްޓޭންޑް އަޕް ކޮމިޑީ ޝޯގެ އެޕިސޯޑަކާ ގުޅޭގޮތުން އެކްސްގައި ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

comment ކޮމެންޓް