ބޮލީވުޑްއިން ލިބޭ އެއްވެސް ފުރުސަތެއް ދޫކޮށްލަން ރާގަވް ބޭނުމެއް ނުވޭ

މަޝްހޫރު ނެށުންތެރިޔާ އަދި ކޮރިއަގްރާފަރު ރާގަވް ޖުޔަލް--ފޮޓޯ/ބޮލީވުޑްހަންގާމާ

މުނިފޫހިފިލުވުމުގެ ދާއިރާއިން ލިބޭ އެއްވެސް ފުރުސަތެއް ދޫކޮށްލަން ބޭނުންނުވާ ކަމަށް ނެށުންތެރިޔާ އަދި އެކްޓަރު ރާގަވް ޖުޔަލް ބުނެފިއެވެ.

ނެށުމުގެ ހުނަރާ އެކު މުނުފޫހިފިލުވުމުގެ ދާއިރާއަށް އުފަންވި ކުޅަދާނަ ނެށުންތެރިޔާ އެންމެ ފަހުން ވަނީ ފިލްމީ ދާއިރާއާ ވެސް ގުޅިފައެވެ. ފިލްމު އިންޑަސްޓްރީގައި އާޓިސްޓެއްގެ ގޮތުގައި ހުރެ ބޭނުންވަނީ ލިބޭ ކޮންމެ ފުރުސަތެއް ވެސް ތަޖުރިބާކޮށް މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށް ރާގަވް ވަނީ ބުނެފައެވެ.

'ކިންގް އޮފް ސްލޯ މޯޝަން'ގެ ނަމުން މަޝްހޫރު ރާގަވްއަށް ނެށުމުގެ ދާއިރާއިން ލިބުނު މަގުބޫލުކަމާ އެކު ޓެލެވިޒަން ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ހުޅުވުނެވެ.

ރާގަވް ޖުޔަލް ފިލްމު "ކިލް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ރާގަވް ޓީވީ ޝޯތަކާއި އެކި ކަހަލަ ރިއަލިޓީ ޝޯތައް ހުށަހަޅާއިރު އޯޑިއަންސް ހެއްވާލުމަށް ގެންގުޅޭ ހުނަރާ އެކު އޭނާއަކީ ބެލުންތެރިން ބަލައިގަނެފައިވާ ޓެލެވިޒަން ޝޯ ހޯސްޓެކެވެ. ނެށުމުގެ ދުނިޔެ ފަތަޙަ ކުރުމަށްފަހު ރާގަވްއަށް އެކްޓް ކުރުމުގެ ފުރުސަތު ފިލްމުތަކުން ލިބެން ފެށުމާ އެކު އެކި ޖޯންރާތަކުގެ ފިލްމުތައް ކުޅުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ.

ފިލްމު "އޭބީސީޑީ 2"، "ސްޓްރީޓް ޑާންސަ 3ޑީ" އަދި "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ފަދަ ފިލްމުތަކަށް ފަހު ރާގަވް ފެނުނީ ވަރަށް ތަފާތު ކެރެކްޓާއެއް ކުޅުނު ފިލްމު "ކިލް"އިންނެވެ. ކެރިއަރުގެ ކުރީކޮޅު ރާގަވް ފެނުނީ ވަރަށް މައުސޫމު ރޯލްތަކުން ނަމަވެސް ފިލްމު "ކިލް"ގައި ރާގަވް ކުޅުނު ރޯލަކީ ވަރަށް އަނިޔާވެރި ވިލެންއެއްގެ ރޯލެވެ.

އާއްމުކޮށް ފިލްމުތަކުގެ ވިލެންގެ ރޯލް ކުޅޭ އެކްޓަރުންނަކީ ބެލުންތެރިން މާ ގަޔާވާ ބަޔަކަށް ނުވިނަމަވެސް "ކިލް"ގައި ރާގަވް ދެއްކި އެކްޓިންގް ހުނަރަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ފިލްމު "ކިލް" ބެލުމަށްފަހު އެކްޓަރު ވިކީ ކޯޝަލް އަދި ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް އޭނާއަށް ގުޅައިގެން އެތައް ގަޑިއިރުވަންދެން ރާގަވް ކުޅުނު ރޯލާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް އޭނާ ވަނީ މީޑިއާގައި ބުނެފައެވެ.

ފިލްމު "ކިލް"އަށްފަހު ރާގަވް ދެންވެސް ފެނުނީ އެފަދަ އަނިޔާވެރި ވިލެންއެއްގެ ރޯލް ކުޅުނު ފިލްމު "ޔުދުރާ"އިންނެވެ. ރާގަވް ވަނީ އަދި އިއުލާނު ނުކުރާ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ބޮލީވުޑް ފިލްމުތަކުގެ އިތުރުން ރާގަވް ވަނީ އެކި ޖޯންރާގެ ވެބް ސީރީސްތައް ވެސް ކުޅެފައެވެ.

comment ކޮމެންޓް