އެމެރިކާއިން ޓެރިފް އިއުލާނުކުރުން: ވިޔަފާރީގެ ހަނގުރާމައަކަށް ތައްޔާރުތަ؟

ޗައިނާގެ ރައީސް ޒީ ޝިންޕިން (ކ) އާއި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ). ފޮޓޯ/އޭޕީ

އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ (ޓެރިފް) ބޮޑުކޮށްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިއުލާނުކުރެއްވުމާ ގުޅިގެން، ގިނަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްރަމްޕް ވަނީ އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން ގާތްގަނޑަކަށް 10 ޕަސެންޓް ޑިއުޓީ ނަގާނެ ކަމަށް އިއުލާން ކުރައްވާފައެވެ. ނަމަވެސް، މިހާތަނަށް އެމެރިކާއާ މެދު ވިޔަފާރީގެ ގޮތުން ނާއިންސާފުން އަމަލުކުރާ އައުމުތަކަށް އޭގެ ދެގުނައަށް ވުރެ ބޮޑުކޮށް ވަނީ ޑިޔުޓީ މަތިކޮށްފައެވެ. އޭގެތެރޭގައި އެމެރިކާއާ އެންމެ ގާތް ގުޅުމެއް އޮންނަ ރަހުމަތްތެރި ގައުމުތައް ވެސް ހިމެނެއެވެ.

ޓްރަމްޕް ވިދާޅުވީ އާ ޑިއުޓީ ފަރުމާކޮށްފައި ވަނީ ވިޔަފާރިން ލިބޭ ގެއްލުން ކުޑަކޮށް، ބޭރުގެ އުފެއްދުންތެރިކަން އަނބުރާ އެމެރިކާއަށް ގެނައުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޓެކްސް ކުޑަކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެރިފް އަކީ ކޮބާ؟

ޓެރިފް އަކީ އެހެން ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އެކެވެ. ގައުމުތަކަށް މުދާ ގެންނަ ކުންފުނިތަކުން ، އާންމުކޮށް މުދަލުގެ އަގުގެ އިންސައްތައެއް، އެ ގައުމެއްގެ ސަރުކާރަށް ދައްކައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ

އިއުލާނުކުރެއްވީ ކޮން ކަމެއް؟

ނަވާރަ ސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރު ފާސްކުރި ބައިނަލްއަގްވާމީ ކުއްލި އިގްތިސާދީ ބާރުތަކުގެ ގާނޫނަށް ރިއާޔަތްކޮށް ޓްރަމްޕް ވަނީ ހުރިހާ ގައުމަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން މަދުވެގެން 10 ޕަސެންޓް ޑިއުޓީ ނަގާނެކަން އިއުލާން ކުރައްވާފައެވެ. މަސް އެކްޕޯޓް ކުރާ މި ކުޑަ ދިވެހި ރާއްޖެ ހިމެނެނީ 10 ޕަސެންޓްގެ ޓެރިފް ނަގާ ގައުމުތަކުގެ ތެރޭގައެވެ. އަދި އެއަށް މާދަމާއިން ފެށިގެން އަމަލު ކުރާނެކަންވެސް އިއުލާނުކުރައްވާފައިވެއެވެ.

އޭގެއިތުރުން އެމެރިކާއިން އެހެން ގައުމުތަކަށް އެތެރެކުރާ މުދަލުން ބޮޑު ޑިއުޓީ އެއް ނަގާ ގައުމުތަކަށް ވަކި ޑިއުޓީއެއް ނަގާނެ ކަމަށްވެސް ހާމަކުރެއްވިއެވެ. އެ ކަމަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުއެވެ.

ޓްރަމްޕް އިއުލާނުކުރެއްވި ގޮތުން ޖަޕާނަށް 24 ޕަސެންޓު، ދެކުނު ކޮރެޔާއަށް 25 ޕަސެންޓު، ޓައިވާނަށް 32 ޕަސެންޓު އަދި ޔޫރަޕްގެ ގައުމުތައް (އީޔޫ) އަށް 20 ޕަސެންޓު ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ.

https://www.sun.mv/204349

ޓްރަމްޕް އިއުލާނުކުރެއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ވާދަވެރި ޗައިނާއެވެ. ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 34 ޕަސެންޓަށް ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. މިއީ އަދި ޗައިނާއިން އެތެރެކުރާ މުދަލުގެ ބައެއް ބާވަތްތަކުން ކުރިން ބޮޑުކޮށްފައިވާ 25 ޕަސެންޓުގެ އިތުރަށް ނަގާ ޑިއުޓީއެކެވެ. އެހެންވެ، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ބައެއް ބާވަތްތަކުން 54 ޕަސެންޓުން ޑިއުޓީ ވަނީ ބޮޑުވެފައެވެ.

އަމާޒުކުރި ގައުމުތަކުން ރައްދަކީ ކޮބާ؟

ޑިއުޓީ ނަގާނެކަން ޓްރަމްޕް އިއުލާނުކުރެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދުނިޔޭގެ ލީޑަރުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި އެއީ ގެއްލުންހުރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޗައިނާ: އެމެރިކާގެ އެ ފިޔަވަޅަށް ރައްދު ދިނުމުގެ ގޮތުން ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާއަށް އެތެރެކުރާ އެމެރިކާގެ މުދަލުން ވެސް ޑިއުޓީ ބޮޑުކުރާނެ ކަމަށެވެ.

ޓައިވާން: އެކަމާމެދު ޓައިވާނުން ބުނީ އެއީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އެ ގައުމުގެ ކެބިނެޓްގެ ތަރުޖަމާނު މިޝެލް ލީ ވިދާޅުވީ ޓްރަމްޕް, އެ ގައުމުގެ އެކްސްޕޯޓުން 32 ޕަސެންޓް ޓެރިފް ނަގާނެ ކަމަށް އިއުލާން ކުރެއްވުމުން ޓައިވާނުން ވަރަށް ހިތާމަކުރާ ކަމަށެވެ.

އޮސްޓްރޭލިއާ: ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ އެ ފިޔަވަޅަކީ ރަހުމަތްތެރިއަކު އަޅާނެ ފިޔަވަޅެއް ނޫން ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ.

އީޔޫ: އީޔޫގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 20 ޕަސެންޓު ނަގާނެ ކަމަށް ކުރެއްވި އިއުލާނަށް ރައްދު ދެއްވަމުން އީޔޫގެ ރައީސް އުރުސުލާ ވޮން ޑާ ލޭން ވަނީ އެ ފިޔަވަޅަކީ ދުނިޔޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފައެވެ.

މަޝްވަރާކޮށްގެން ޑިއުޓީ ލުޔެއް ހޯދާނީ ކޮން ގައުމުތަކަކުން؟

އެމެރިކާއިން އެތެރެކުރާ މުދަލުން ބޮޑު ޑިއުޓީއެއް ނަގާ ގައުމުތަކަށް ޑިއުޓީ ނެގުން އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ފަށާއިރު، އެމެރިކާ ސަރުކާރާއެކު މަޝްވަރާކޮށްގެން ޑިއުޓީއަށް ލުޔެއް ހޯދުމަށް އަދި ހަ ދުވަސް އެބައޮތެވެ. ނަމަވެސް، މަޝްވަރާކުރުމުގެ ބަދަލުގައި، ބަދަލު ހިފުމުގެ ގޮތުން ބައެއް ގައުމުތަކުން އެމެރިކާ އަތުން ނަގާ ޑިއުޓީ އިތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އޭގެތެރޭގައި ކެނެޑާ ހިމެނެއެވެ. ކެނެޑާއިން ވަނީ ބަދަލު ހިފުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އޮތީ އެމެރިކާއާއެކު ވިޔަފާރީ ހަނގުރާމައަކަށް ތައްޔާރަށް ކަމަށާއި އޮންލައިން ޚިދުމަތްތަކަށް ހަމަލާ ދީފާނެ ކަމަށް ފްރާންސް ސަރުކާރުގެ ތަރުޖަމާނު ސޯފީ ޕްރައިމާސް ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން މިހާރުވެސް ވަނީ އެމެރިކާގެ މުދަލުން ޑިއުޓީ ބޮޑު ކުރާނެކަން އިއުލާނުކޮށްފައެވެ.

މަޝްވަރާކޮށް ޑިޕްލޮމެސީއަށް އިސްކަންދޭނީ ކޮން ގައުމުތަކަކުން؟

ބަދަލު ހިފުމުގެ ވިސްނުމެއް ނެތް ކަމަށް ފާޅުގައި ބުނެފައިވާ އެއް ގައުމަކީ މެކްސިކޯއެވެ. މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ވިދާޅުވީ "ޓިޓް ފޯ ޓެޓް" ނުވަތަ ބަދަލު ބަދަލު ހިފުމުން ދުރުހެލިވާނެ ކަމަށެވެ.

ހަމައެފަދައިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާވެސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

އޭޝިއާގެ ބައެއް ގައުމުތަކުންވެސް ޑިޕްލޮމެސީ އިސްކުރާނެ ކަމަށް އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓްގެ އިގްތިސާދީ މާހިރު ނިކް މާރޯއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ތަކެތީގެ އަގުތަކަށް ވާނީ ކިހިނެއް؟

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ގިނަ ކުންފުނިތަކުން އެ މީހުން އެތެރެކުރާ ކުރާ މުދަލުގެ އަގު ބޮޑުވާ މިންވަރު ހިމަނާނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަކެތީގެ އަގުގައެވެ.

އެހެންވެ، ތަކެތީގެ އަގު މައްޗަށް ދާނެއެވެ. އަދި މުދާ އެތެރެކުރާ މިންވަރު މަދުވެ، އަގުތައް އިތުރަށް މަތިވާނެއެވެ.

އެމެރިކާގެ އިގްތިސާދަށް ވާނީ ކިހިނެއް؟

ޓްރަމްޕްގެ އެ ފިޔަވަޅުގެ ސަބަބުން އެމެރިކާގެ އިގްތިސާދު ރިސެޝަނަކަށް ދިއުމުގެ ފުރުސަތު 50 ޕަސަންޓަށް އިތުރުވެފައިވާ ކަމަށް, އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ކުރީގެ އިސް އިގްތިސާދީ މާހިރު، ކެން ރޮގޯފް ވިދާޅުވިއެވެ.

ޓެރިފްގެ ސަބަބުން އެމެރިކާ މީހުން ޚަރަދު ކުރާ މިންވަރު ދަށަށްދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށް މާހިރުން ވިދާޅުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް