މި އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ލަވްޔާޕަ" މިއަދު ޖިއޯހޮޓްސްޓާގައި ސްޓްރީމްކުރަން ފަށާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަދުވައިތު ޗަންދަން ޑައިރެކްޓްކޮށް އެޖީއެސް އެންޓަޓެއިންމަންޓް އަދި ޕެންޓަމް ސްޓޫޑިއޯ ގުޅިގެން ގެނެސްދިން މި ފިލްމަކީ، ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން އަދި ސްރީދޭވީގެ ހަގު ދަރިފުޅު ސިނަމާއިން ފެނުނު ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ކުރިން މި ދެ ތަރިންގެ އަލަތު ފިލްމު ޕްރީމިއާކޮށްފައި ވަނީ ނެޓްފްލިކްސްގައެވެ.
ފިލްމު "ލަވްޔާޕާ" ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމާފައި މިވަނީ ފިލްމު ސިނަމާތަކުގައި އެޅުވިތާ ދެ މަސް ފަހުންނެވެ. ވަރަށް ބޮޑަށް އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްދިޔަ "ލަވްޔާޕާ" ތިއޭޓަރުތަކުގައި ބަލާލުމުގެ ފުރުސަތު ނުލިބުނު ގިނަ މީހުންނަށް ޖިއޯހޮޓްސްޓާ މެދުވެރިކޮށް ފިލްމު ބަލާލުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ލަވްޔާޕާ"ގެ ޕްރޮމޯޝަން ހަފްލާއެއްގައި ފިލްމުގެ ކްރޫއިން--ފޮޓޯ/ބޮލީ.ކޮމް
ޖުނައިދު އާއި ޚުޝީ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ މިހާރުގެ ޖެން ޒީ ދުނިޔޭގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމުގެ ޑައިރެކްޓަރު އަދުވައިތު ޗަންދަން އަކީ ޖުނައިދުގެ ބައްޕަ އާމިރު ޚާން އެންމެ ފަހުން ކުޅުނު ފިލްމު "ލާލް ސިންގް ޗައްދާ"ގެ ވެސް ޑައިރެކްޓަރެވެ.
ފިލްމު "ލަވްޔާޕާ"ގައި ޖުނައިދު އާއި ޚުޝީގެ އެކްޓިންގްއަށް ގިނަ ބަޔަކު ތައުރީފުކުރި ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.
މި ފިލްމުގެ ނާކާމިޔާބީއާ ގުޅިގެން އެކްޓަރު އާމިރު ޚާން ބުނެފައި ވަނީ ފިލްމު "ލަވްޔާޕާ"އަކީ އެކްޓަރަށް ވަރަށް ކަމުދިޔަ ވާހަކައަކަށްވީ ނަމަވެސް ފިލްމަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.
ފިލްމު "ލަވްޔާޕާ"އަށްފަހު ޚުޝީ ކަޕޫރުގެ އިތުރު ފިލްމެއް ނެޓްފްލިކްސްގައި ވަނީ ރިލީޒްކޮށްފައެވެ. އެއީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމު "ނާދާނިޔާން"އެވެ.