ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލް ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ, އެ މާރާމާރީގެ މައުލޫމާތު ލިބުނީ 16:49ހާއިރު ކަމަށެވެ.
އެ މާރާމާރީ ހިނގާފައިވަނީ ބިދޭސީންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލައިގައި ހިމެނެނީ ތިން މީހަކު ކަމަށް ފުލުހުން ބުންޏެވެ. އެއީ މިސްރުގެ ދެ މީހަކާއި ބަންގްލަދޭޝްގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާ ދޭން ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަން ފުލުހުން ފާހަގަކުރިއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި މީގެ ކުރިން ވެސް ނުރައްކާތެރި މާރާމާރީތައް ހިނގައި، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެސްވެއެވެ.