ނަތަންޔާހޫ ހައްޔަރުކޮށް ބައިނަލްއަގްވާމީ ކޯޓާ ހަވާލު ކުުރުމަށް، އެމްނެސްޓީން ގޮވާލައިފި

ނަތަންޔާހޫ

ލަންޑަން (2 އެޕްރީލް 2025): ޣައްޒާގެ ގާތިލުގެ ނަމުން މަޝްހޫރު ވެފައިވާ ނުރައްކާތެރި މުޖްރިމް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފުތާގައި ހަންގޭރީއަށް ކުރާ ދަތުރުގައި އޭނާ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ހަންގޭރީގެ ސަރުކާރަށް ގޮވާލައިފިއެވެ.

އެމްނެސްޓީން ނެރުނު ބަޔާނެއްގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަންގެ އަރިހުން އެދިފައިވަނީ ނަތަންޔާހޫ ހަންގޭރީއަށް ކުރާ ދަތުރުގައި އޭނާ ހައްޔަރު ކުރުމަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްގެ ހައިސިއްޔަތުން ހަންގޭރީގެ ސަރުކާރަށް ލާޒިމް ކަމެއްކަމަށްވާތީ މިކަން ކުރުމަށެވެ.

ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި މުޖްރިމުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ތުހުމަތާއި އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް ހިންގާ ކަމުގެ ތުހުމަތެވެ.

މި ތުހުމަތުތައް ސާބިތު ވެއްޖެނަމަ ނަތަންޔާހޫގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންވެ ނަތަންޔާހޫ އުޅެނީ ބައިނަލްއަގްވާމީ ކޯޓަށް ފިލައިގެންނެވެ.

ނަތަންޔާހޫއަށް ހިމާޔަތާއި ރައްކާތެރިކަން ދެނީ ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދުން ބޭރުގައި ރޫގް ސްޓޭޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެވެ.

ނަތަންޔާހޫގެ ދިފާއުގައި އެމެރިކާވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ބިރުދައްކައި އެކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި ނަތަންޔާހޫގެ ދިފާއުގައި އެމެރިކާ ވަނީ ބައިނަލްއަގްވާމީ ކޯޓުގެ ހުކުމްތަކަށް ބާރާއި ނުފޫޒު ފޯރުވުމަށްވެސް މަސައްކަތްތަކެއް ކޮށްފައެވެ.

ނަތަންޔާހޫގެ ސިފައިންވަނީ ޣައްޒާގެ އާންމުންގެ ތެރެއިން 50ހާހަށް ވުރެ ގިނަ އާންމުން މަރައި ދޮޅު ލައްކައަށް ވުރެ ގިނަ މީހުން ޒަޚަމްކޮށް ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް ފުނޑާލާފައެވެ. މީގެއިތުރުން ނަތަންޔާހޫ ގެންދަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ވެއްދުމަށް ހުރަސްއަޅައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ޖަރީމާތައްވެސް ހުއްޓުމެއްނެތި ހިންގަމުންނެވެ.

މި ޖަރީމާތަކުގައި ނަތަންޔާހޫއަށް އެހީތެރިވަނީ އެމެރިކާގެ އިސްވެރިންނެވެ. ކުރިން އެމެރިކާގެ ކުރީގެ ރައީސް ބައިޑެން އެވެ. މިހާރު އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަން، އެގައުމަށް ޒިޔާރަތް ކުރުމުގެ ދައުވަތު ނަތަންޔާހޫއަށް ދިނުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ އެކަން ކުށްވެރިކޮށް ހަންގޭރީގެ ބޮޑުވަޒީރަށް ފާޑުކިޔާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު