އޯޓިޒަމް ކުދިންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް: ރައީސް

އޯޓިޒަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ހިނގާލުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޯޓިޒަމް ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް ކަމަށް, ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ އޯޓިޒަމް ދުވަހާ ގުޅުވައިގެން ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށާއި އޯޓިޒަމް ތަޙައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީން ކަމަށެވެ.

"އެ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް" ރައީސް ވިދާޅުވިއެވެ.

އެކިއެކި ސިޔާސީ ޕްލެޓްފޯމްތަކުގައި އޯޓިޒަމް ހުންނަ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޑާމީސްވާ ގޮތަށް ވާހަކަ ދެއްކުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަމެކެވެ. މިފަހުން ވެސް އެފަދަ ކަމެއް ހިނގިއެވެ. އެފަދަ ކަންކަން ނުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި ފަހުން ވެސް ވަނީ ގޮވާލައިފައެވެ.

އޯޓިޒަމަކީ ކޮބާ?

އޯޓިޒަމް ނުވަތަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭޑީއެސްޑީ) އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައި އޯޓިޒަމްގެ އަލާމާތްތައް ފާޅުވާން ފަށައެވެ. މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުޑިއަށް އަސަރުކޮށްފައިވުމުން، ވާހަކަ ދެއްކުމާއި އިޖުތިމާޢީގުޅުން ހީނަރުވެއެވެ.

ކޮންމެ އަަހަރެއްގެ ވެސް އޭޕްރިލް މަހުގެ ދެ ވަނަ ދުވަސް ފާހަގަކުރަނީ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައެވެ.

އާންމުގޮތެއްގައި އޯޓިސްޓިކް ކުއްޖަކާ އެ ނޫން ކުއްޖަކާ ފެންނަ ފެނުމަށް ތަފާތުތަކެއް ނުހުރެއެވެ. ނަމަވެސް އެ ކުދިންގެ އިޖްތިމާއީ ހުނަރުތަކާއި އަދި މުވާސަލާތު ކުރުމުގައި އެހެން މީހުންނާއި ތަފާތުވެއެވެ.

އޯޓިޒަމް އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ކަމެއް ނޫނެވެ. ނަމަވެސް ދިރާސާތައް ދައްކާގޮތުން ޅައުމުރުގައި ދެނެގަނެވި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތާވަލެއްގެ ދަށުން ތަޖުރިބާ ކާރުންގެ އެހީތެރިކަން ލިބޭ ކުދިންގެ އަލާމާތްތައް ކޮންމެ ވެސް ވަރަކަށް ލުއިކުރެވެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެހެންމީހުންގެ އިހުސާސްތައް ދެނެގަތުމަށް އުނދަގޫވުމުން އެހެންމީހުންނާއި މެދު ހަމްދަރުދީވުން ފަދަ ކަންކަން އާންމު އެހެންކުދިންނާއި އަޅާބަލާއިރު ދަށްވާނެއެވެ. މީގެ އިތުރަށް އޯޓިޒަމް ހުންނަ ކުދީންނަކީ އަބަދު ވެސް ވަކި ތަރުތީބަކުން އަދި އެއްގޮތަކަށް ކަންކަން ކުރަން ލޯބިކުރާ ކުދީންތަކެކެވެ. އަދި ކުރާ ކަމަކަށް އެކުދިން ވަރަށް ބޮޑަށް ގަޔާވެ ހުރެ، ވަރަށް ބޮޑަށް އެކަމަކާ ވެގެން އެކުދިން އެކި ކަންތައްތައް ކުރެއެވެ.

ރާއްޖޭގައި ވެސް އޯޓިޒަމް ހުންނަ ކުދިން ވަރަށް ގިނައެވެ.

comment ކޮމެންޓް