ރިޔާސީ ތިންވަނަ ދައުރަކަށް އެމެރިކާގެ ވެރިކަން ކުރައްވާނެ ކަމަށާއި އެއީ ސަމާސާއެއް ނޫންކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.
އެން.ބީ.ސީ ނިއުސް ނެޓްވާކަށް ދެއްވި ބަސްދީ ގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އޭނާ އިތުުރު ދައުރަކަށް އެމެރިކާގައި ވެރިކަންކުރާނެކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ތޯތޯ ވާހަކަ ތަކެއް ނޫންކަމަށާ އެއީ ހަގީގަތެއް ކަމުގައެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އޭނާ ގެންނަން ބޭނުންވާ ބަދަލުތައް ރިޔާސީ އެއްދައުރަކުން ނޫނީ ދެ ދައުރަކުން ނުގެނެވޭނެކަމަށާއި ރިޔާސީ ތިންވަނަ ދައުރަކަށް އޭނާ އެމެރިކާގެ ވެރިކަން އޭނާ ކުރެއްވުމަކީ ސަމާސާ އެއްނޫން ކަމުގައެވެ.
ޓްރަމްޕަށް ރިޔާސީ ތިންވަނަ ދައުރެއް ދޭންޖެހޭ ކަމަށް ވިދާޅުވެ ރިޕަބްލިކަން ޕާޓީގެ އެކްޓިވިސްޓުން ދައްކާ ވާހަކަތަކާއި ހިންގާ ސިޔާސީ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވދާޅުވީ އެއީ ސަމާސާ އެއްނޫން ކަމަށާ އެއީ ސީރިޔަސް ކަމެއް ކަމުގައެވެ.
އެން.ބީ.ސީ ނިއުސް އަށް ދެއްވި ބަސްދީގަތުމުގައި ރިޔާސީ ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާމެދު އަމަލު ކުރައްވާނެ ގޮތުގެ ތަފްސީލް ޓްރަމްޕް ނުދެއްވައެވެ. ޓްރަމްޕް ވިދާޅުވީ އެކަން ކުރާނެ ގޮތުގެ ވާހަކަދައްކަން އަދި މާ އަވަސްކަމުގައެވެ.
ނަމަވެސް ޓްރަމްޕްގެ ސަޕޯޓަރުން މިހާރު ވަނީ ރިޔާސީ ތިންވަނަ ދައުރަކަށް ޓްރަމްޕް ކުރިމަތި ލައްވާނެކަމަށާ އަދި އިންތިޚާބު ކާމިޔާބުވެސް ކުރައްވާނެކަމަށް ބުނެ ވާހަކަތައް ދައްކަން ފަށާފައެވެ.
އެމެރިކާގެ ދަސްތޫރު ނުވަތަ ގާނޫނު އަސާސީއަށް ގެނަސްފައިވާ ބާވީސް ވަނަ އެމެންޑްމެންޓް ނުވަތަ އިސްލާހު ބުނާގޮތުން އެމެރިކާގެ ރައީސްކަމަށް އެއްބޭފުޅަކު އިންތިޚާބު ވެވޭނީ ދެ ދައުރަށެވެ. ޖެހިޖެހިގެން ދެ ދައުރުގައި ވެސް ވެރިކަމަށް އިންތިޚާބު ވެވިދާނެއެވެ. އަދި އެއްދައުރުގައި ވެރިކަންކޮށް މެދުކެނޑުމަކަށްފަހު ވެސް އަނެއް ދައުރުގެ ވެރިކަމަށް ކުރިމަތި ލެވިދާނެއެވެ. ނަމަވެސް އެއްވެސް ބޭފުޅަކަށް ތިންވަނަ ދައުރަކަށް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި ވެރިކަމަށް އިންތިޚާބު ވެސް ނުކުރެވޭނެއެވެ.
އެެމެރިކާގެ ގާނޫނު އަސާސީ ގައި މިހެން އޮތުމުން ރިޔާސީ ތިންވަނަ ދައުރަކަށް ޓްރަމްޕަށް ކުރިމަތިލެއްވޭނީ އެމެރިކާގެ ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެނަސްގެންނެވެ. މިއީ އެމެރިކާގެ ކޮންގްރެސްގެ ދެގޭގައި ޓްރަމްޕްގެ ޕާޓީއަށް އޮތް ސިންޕަލް އަޣްލަބިއްޔަތުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ނެތި ޓްރަމްޕަށް ކުރެއްވޭނެ ކަމެއް ނޫނެވެ.
ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ޕޮލިސް ސްޓޭޓަކަށް ބަދަލުވާން ފަށާފައިވާތީ އާއި އެމެރިކާގައި އޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ފަރުދީ މިނިވަންކަން ވެސް ގެއްލެމުންދާތީ ބާރުގެ ބޭނުންކޮށްގެން އެމެރިކާގެ ދަސްތޫރު ބަދަލުކުރުމަކީ ޓްރަމްޕް ކުރައްވަފާނެކަމެއްކަމަށް މުހައްލިލުން ގަބޫލު ކުރައްވައެވެ.
މަޝްހޫރު ސިޔާސީ މުހައްލިލު އިސްހާގް ބްރޭކް ވިދާޅުވާ ގޮތުގައި އެމެރިކާގެ ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން ގެންދަނީ ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަށް ހައްޔަރު ކުރަމުންނެވެ. އެމެރިކާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުޑަވެ ފަރުދީ މިނިވަންކަން ދަނީ ވަރަށް ބޮޑަށް ގެއްލެމުން ނެވެ.
އެހެންކަމުން އެމެރިކާ މިހާރު ދަނީ ޕޮލިސް ސްޓޭޓަކަށް ބަދަލުވަމުންކަން އިސްހާގް ބްރޭކް ފާހަގަ ކުރައްވައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ކުރީގެ މުސްތަޝާރު ޖެފްރީ ސާކްސް ވިދާޅުވާގޮތުގައި ކުރިން އޮތް މިނިވަން އެމެރިކާ މިހާރަކު ނެތެވެ. މިހާރުގެ އެމެރިކާ އަކީ ޕޮލިސް ސްޓޭޓެކެވެ.
މީގެއިތުރުން ޔޫރަޕްގެ މަޝްހޫރު މުހައްލިލުންވެސް ގެންދަވަނީ އެމެރިކާ ޕޮލިސް ސްޓޭޓަކަށް ބަދަލުވަމުންދާ ކަމުގެ އިންޒާރު ދެއްވަމުންނެވެ.
އެމެރިކާގައި ދިރިއުޅޭ ބޭރުމީހުންނާމެދު ޓްރަމްޕްގެ ސަރުކާރުން އަމަލުކުރަމުން ގެންދާގޮތާއި ޓްރަމްޕަށް ފާޑުކިޔާ މީހުން ހައްޔަރުކުރުމާއި އެމެރިކާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކޯޓު އަމަރުތަކަށް އެމެރިކާ ސަރުކާރުން ތަބާ ނުވުމާއި އެމެރިކާއަށް ޒިޔާރަތްކުރާ ބޭރުމީހުން ވަރަށް އިހާނާތްތެރިކޮށް ހައްޔަރުކޮށް އަނިޔާ ކުރުންފަދަ ކަންކަން އެމެރިކާގައި މިހާރުވަނީ އާންމު ވެފައި ކަމަށް ޖެފްރީ ސާކްސް ވިދާޅުވެއެވެ.
ވިސާ ނެތި އެމެރިކާގައި ދިރިއުޅޭ ބޭރު މީހުންނާމެެދު ވެސް އެމެރިކާގައި ހައްޔަރު ކުރަނީ އިންސާނުންގެ ކަރާމާތާއި އިންސާނީ ހައްގުތަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ވަރަށް ހަރުކަށި ކޮށެވެ. އެ މީހުން ފޮނުވާލުމަކީ މައްސަލައަކަށް ނުވިޔަސް މައްސަލައަކީ އެމީހުންނާމެދު މުއާމަލާތްކުރާ ލާއިންސާނީ ގޮތްތަކެވެ.
މިފަދަ މީހުން ހިފައި ހައްޔަރުކުރުމަށްފަހު ކާންބޯން ނުދީ ވިއްސަކަށް ގަޑީއިރު ބައިތިއްބާ ކަމަށްވެއެވެ. އެއީ ބަލިކަށި ކޮށްލުުމުގެ ގޮތުންނާއި އިހާނާތް ކުރުމުގެ ގޮތުންނެވެ. އެއަށްފަހު ބިޑިއަޅުވައިގެން އެމީހުން ބޯޓުތަކަށް ލާފައި އެމީހުންގެ ގައުމުތަކަށް ފުރުވާލަނީއެވެ. އެމެރިކާގެ ފުލުހުން މިކަން ކުރަނީވެސް ވަރަށް އަނިޔާވެރި ގޮތަކަށެވެ. އަަވަގުރާނަ ގޮވުންފަދަ ހަޑިހުތުރު އަމަލުތައް ހިންގައި ކޮއްޕައި ވައްޓާލުންފަދަ ލާއިންސާނީ ކަންކަންވެސް ކުރެއެވެ.
ވަގުތުން ފުރުވާލެވެން ނެތް ބޭރު މީހުން ގެންދަނީ ބިޑިއެޅުވުމަށްފަހު އެމެރިކާ ސިފައިން ކިޔުބާގެ ގުއަންޓެނާމޯ ބޭގައި ހިންގާ ބިރުވެރި އަނިޔާވެރި ޖަލަށެވެ. ނަމަވެސް މިގޮތަށް ފޮނުވާލާ މީހުންނާއި ޖަލަށްލާ މީހުންނަކީ އެމީހުންގެ މައްސަލަ އެމެރިކާގެ ކޯޓުތަކުގައި އޮތުމުން މައްސަލަ ނިމެންދެން އެމެރިކާގައި ތިބުމުގެ ހުއްދަ އޮތް މީހުންނެވެ.
ކޯޓުގައި މައްސަލަ އޮންނަ މީހުންނާމެދު މިގޮތަށް ނުކުރެވޭނެކަމާއި މިކަން ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ބައެއް ކޯޓުތަކުން މިހާރުވަނީ ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އެތަށް އަމުރުތަކެއް ނެރެފައެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ކޯޓުތަކުގެ އަމުރުތައް ތަންފީޒެއް ނުކުރެއެވެ.
ދާދިފަހުން އެމެރިކާއަށް ޒިޔާރަތްކުރެއްވި ފަރަންސޭސި ޕްރޮފެސަރަކުވެސް ވަނީ ޓްރަމްޕަށް ފާޑުކިޔާކަމަށް ބެލެވިގެން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ބިރު ދައްކައި މަޖުބޫރުކޮށް އޭނާގެ ފޯނުގެ ޕާސްވޯޑު އޭނާގެ އަތުން ހޯދައި ފޯނުބަލައި ފޯނުން ޓްރަމްޕާ އިދިކޮޅު ލިޔުންތަކާއި ފޮޓޯތައް ހޯދުމަށްފަހު މިއީ ޖަރީމާއަކަށް ހަދައިގެންނެވެ.
މީގެއިތުރުން އެމެރިކާގައި ދިރިއުޅުމުގެ ހުއްދަ ނުވަތަ ގްރީންކާޑު އޮންނަ ތުރުކީގެ އަންހެން ދަރިވަރެއް ކަމަށްވާ މައިސާ އޮޒްތޯކް ވެސް އެމެރިކާގެ ފުލުހުންވަނީ ކުއްލި ގޮތަކަށް ހައްޔަރު ކޮށްފައެވެ. ޕީއެޗްޑީ އަށް ކިޔަވާ މިދަރިވަރު އެމެރިކާގައި ހައްޔަރުކުރީ އޭނާ ކިޔެވި އެމެރިކާގެ ޔުނިވާސިޓީއެއްގައި ނެރޭ ނޫހެއްގައި މީގެ އަހަރެއްހާ ދުވަސްކުރިން އޭނާ ލިޔުނު އާޓިކަލެއްގެ މައްސަލާގައެވެ.
މި އާޓިކަލްގައި އޭނާވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލުގެ އެކަޑެމިކް ދާއިރާއާ ގުޅުންތައް ކަނޑާލުމަށް އެ ޔުނިވަސިޓީއަށް ގޮވާލާފައެވެ.
އަނެއްކޮޅުން މީގެ ދެހަފްތާކުރިން އެމެރިކާ ސިފައިންވަނީ ކޮލަންބިއާ ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވާ ފަލަސްތީނުގެ ދަރިވަރެއްކަމަށްވާ މަހްމޫދު ޚަލީލު، ގާނޫނީ އެއްވެސް ސަބަބަކާ ނުލައި ހައްޔަރުކޮށްފައެވެ. ޚަލީލަކީ އެމެރިކާގައި ދިރިއުޅުމުގެ ހުއްދަ ކަމަށްވަ ގްރީންކާޑު ލިބިފައިވާ ދަރިވަރަކަށް ވިޔަސް ޓްރަމްޕްގެ ސަރުކާރުން ވަނީ އޭނާ ޑީޕޯޓްކޮށްލުމަށް ނިންމާފައެވެ.
މިމައްސަލަ ކޯޓަށް ވެއްދުމުން ކޯޓުންވަނީ ޚަލީލަށް ގްރީންކާޑު ލިބިފައިވާތީ އޭނާ ޑީޕޯޓް ނުކުރުމަށް ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް ސަރުކާރުންވަނީ މިއަމުރަށް ބޯލެނބުމަށް ދެކޮޅު ހަދާފައެވެ.
މަހްމޫދު ޚަލީލު ހައްޔަރުކުރީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް މިދިޔަ އަހަރު ކޮލަންބިއާ ޔުނިވާސިޓީގެ ދަރިވަރުން ކުރި މުޒާހަރާތައް ލީޑުކުރި ކަމަށް ބުނެ ބަހަނާ ތަކެއް ދެއްކުމަށްފަހުގައެވެ. ސުލްހަވެރި މުޒާހަރާތައް ބޭއްވުމާއި އެމުޒާހަރަތައް ލީޑުކުރުމަކީ އެމެރިކާގެ ގާނޫނު އަސާސީ ހުއްދަދޭކަމަކަށްވާތީ ކޯޓުންވަނީ ޚަލީލު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ނަމަވެސް އަދިވެސް ޓްރަމްޕްގެ ސަރުކާރުން އެއަމުރު ތަންފީޒެއް ނުކުރެއެވެ.
ޓްރަމްޕް ވަނީ އޭނާ ވެރިކަމަށް ވަޑައިގަތީ ވައުދުތަކަކާގެންކަމަށާ އެވައުދުތަކަށް ހުރަސްއެޅޭ އެއްވެސް ގާނޫނަކަށް އަދި ކޯޓު އަމުރަކަށް އޭނާ ތަބާވާން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެމެރިކާއަށް ޒިޔާރަތްކުރާ މީހުން ހައްޔަރުކޮށް އެމީހުންނާ މެދު އިހާނާތް ކުރަމުންދާތީ ޔޫރަޕްގެ 8 ގައުމަކާއި ކެނެޑާ އާއި އޮސްޓްރޭލިއާ އިންވަނީ އެމެރިކާއަށް ޒިޔާރަތް ނުކުރުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށް ޓްރެވެލް އެޑްވައިޒަރީއެއް އިއްޔެ ނެރެފައެވެ.
އެމެރިކާގެ ރައްޔިތެއް ކަމުގެ ހައްގު ލިބިގެން އެމެރިކާގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުންނަށް ވެސް އެމެރިކާ ސަރުކާރުން ގެންދަނީ ބިރުދައްކައި ޖެއްސުންކޮށް ފިއްތުންތައް ކުރިމަތި ކުރުމުގެ އަމަލުތަކެއް ސިސްޓަމެޓިކް ކޮށް ހިންގަމުންނެވެ. މިއާއެކު އެމެރިކާގައި ދިރިއުޅޭ މެކްސިކޯ، ކެނެޑާ، ކޮލަންބިއާ ފަދަ އެތަށް ގައުމެއްގެ ރައްޔިތުންވަނީ އެމެރިކާ ދޫކޮށް އެމީހުންގެ އަސްލު ގައުމުތަކަށް އަނބުރައި އަންނަން ފަށާފައެވެ.
މިކަމުގެ ހިތި އަދި ނޭދެވޭ އަސަރު އެމެރިކާގެ އިގްތިސާދަށް ލަސްތަކެއްނުވެ ފެންނަން ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ދާދިފަހުން އެމެރިކާއަށް ޒިޔާރަތްކުރި ޖަރުމަނުގެ 4 މީހަކުވެސްވަނީ އެއާޕޯޓްގައި ހިފެހެއްޓުމަށްފަހު ބަރަހަނާކޮށް ފިނިފެނުން ފެންވަރަން މަޖުބޫރު ކުރުންފަދަ އަނިޔާވެރި އެތަށް އަމަލުތަކެއް، އެމެރިކާގެ ފުލުހުން އެމީހުންނާ ދެކޮޅަށް ހިންގާފައެވެ.
މިހާދިސާއަށްފަހު ޖަރުމަނުންވަނީ މަޖުބޫރު ހާލަތްތަކުގައި ނޫނީ އެމެރިކާއަށް ޒިޔާރަތް ނުކުރުމަށާ މިހާލަތުގައިވެސް ވިސާ ފަދަ ހުރިހާ ލިޔެކިޔުންތަކެއް ހަމަކޮށްގެން ނޫނީ އެމެރިކާއަށް ނުދިޔުމަށް އެގައުމުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.