ރޯދަމަހުގެ ރޯދައާއި ޝައްވާލު މަހުގެ ސުންނަތް ހަ ރޯދައިން ރޯދައެއް އެއް ދުވަހެއްގައި ދެ ނިޔަތެއްގައި އަދާނުކުރެވޭނެތޯ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޝެއިޚް ޝަފީއު އަބްދުﷲ ވިދާޅުވީ، ގެއްލުނު ރޯދައާއި ހަ ރޯދަ އެއް ދުވަހެއްގައި ނުހިފޭނެ ކަމަށެވެ.
އެކަން ކުރުން އެންމެ ރަނގަޅު ގޮތް ޝެއިޚް ޝަފީއު ވަނީ ކިޔައިދެއްވާފައެވެ. މިގޮތުން، ޝައްވާލުމަހުގެ ރޯދައަކީ ރަމަޟާން މަހުގެ ރޯދައިގެ ރަވާތިބު ރޯދައެއް ކަމަށް އިލްމުވެރިން ބަޔަންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުގައި އޮތް ރޯދަ ވީއްލުމެއް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދެ ރޯދައަކީ ވެސް ވަކިން ހިފަން ޖެހޭ ރޯދަތަކެއް ކަމަށާއި ރޯދައިގެ ސަވާބު ލިބެނީ ވަކިވަކިން ހިފުމުން ކަމަށް ހަދީޡެއްގައި ބަޔާންކޮށްފައިވާ ކަމަށް ޝެއިޚް ވަނީ ވިދާޅުވެފައެވެ.
"360 ރޯދަ ފަދައޭ ރަމަޟާން މަހުގެ 30 ރޯދަ އަދި ޝައްވާލު މަހުގެ ހަ ރޯދަ ހިފީމާ. އެހެންވީމާ 36 އެ އަދަދު އަންނަން އެބަޖެހޭ. އެ އަދަދެއް ނާންނާނެ، މިސާލަކަށް އެ މީހަކު ރަމަޟާން މަހުގެ ގަޟާ ރޯދަ ވެސް ޝައްވާލު މަހުގެ ހަ ރޯދައިގެ ތެރޭގައި ހިމަނާފައި އެ ނިޔަތުގައި އަދާކޮށްފައި ކަމަށްވަންޏާ،" ޝެއިޚް ވިދާޅުވިއެވެ.
ނަމަވެސް، ޝައްވާލު މަހުގެ ރޯދައާ ޚިލާފަށް އާޝޫރަ ދުވަހު އަދި އަރަފާތް ދުވަހު ރަމަޟާން މަހުގެ ރޯދަ ގަޟާ ކުރުމުގެ ނިޔަތުގައި ހިފިދާނެ ކަމަށް ޝެއިޚް ފާހަގަކުރެއްވިއެވެ. އެއީ، އާޝޫރަ ދުވަހާއި އަރާފަތް ދުވަހުގެ ރޯދައާ ގުޅުވައި ރަމަޟާން މަހުގެ ވާހަކަ ބަޔާންކޮށްފައިނުވާތީ ކަމަށް އިލްމުވެރިންނާ ހަވާލާދެއްވައި ޝެއިޚް ވިދާޅުވިއެވެ.
އެއާއެކު، ޝައްވާލު މަހުގެ ރޯދައާއި ރަމަޟާން މަހުގެ ރޯދަ ގުޅިލާމެހިފައިވާ ކަމަށާއި ޝައްވާލު މަހުގެ ރޯދައެއް ފަރުޟު ރޯދައެއްގެ ނިޔަތުގައި އަދާނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.