އަމާޒަކީ، ސަރަހައްދުގެ އެންމެ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ރާއްޖެ ހެދުން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއެކު: އަމާޒަކީ، ސަރަހައްދުގެ އެންމެ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ރާއްޖެ ހެދުން ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ފުލުހުން

އަމާޒަކީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ މި ސަރަހައްދުގެ އެންމެ ޒަމާނީ، އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި، އަދި އެންމެ ތަންފީޒީ ފުލުހުންގެ ޚިދުމަތަށް ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ގައުމީ ޚިދުމަތަށް 100 އަހަރު ފުރުމާ ހަމައަށް ދާއިރު، ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

އެކަން ހާސިލުކުރުމަށްޓަކައި ފުލުހުންގެ ތަމްރީނުތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ފުލުހުންގެ މުއައްސަސާގައި މިހާރުވެސް ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ގާބިލު އެތައް ދަރީންނެއް ތިބިކަމާއި، މި ގާބިލުކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

"އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ގައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުން. ދިވެހީން އަބަދުމެ ފަޚުރުވެރިވާނެ އަގުހުރި ޚިދުމަތްތަކެއް، ދިވެހި ފުލުހުންގެ ފަރާތުން ރެޔާއިދުވާލު މި ގައުމަށް ދެއްވަމުން ގެންދެވުން،" ރައީސްގެ ޚިޠާބުގައި ވެއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ތަޖުރިބާއާއި ހުނަރު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފުލުހުންގެ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، އޯގާތެރި އަދި ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށް ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް