ދުބާއި (29 މާޗް 2025): ޝައްވާލު މަހުގެ ހަނދު ފެނުމާ ބެހޭގޮތުން އިލްމީ ޖިދާލު ނުވަތަ އާގިއުމެންޓްތައް އިލްމުވެރިންނާއި ތަޖުރިބާކާރުންގެ މެދުގައި ހިނގި ނަމަވެސް ހަނދު މަހެއް ފެށުނުކަން އިއުލާންކުރުމުގެ މައްސަލައަކީ ކޮންމެ ގައުމެއްގެ ވެސް ދައުލަތުގެ އިޚްތިސާސެއްކަމަށް "ދަ އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރު"ން ބުނެފިއެވެ.
އަބޫދަބީގައި މަރުކަޒު ހުންނަ ފަލަކީ އިލްމުގެ ދިރާސާތަކާ ބެހޭ މި އިދާރާއަކީ ހަނދު ބެލުމާއި ސެޓްލައިޓްތަށް މޮނިޓާ ކުރުމުގެ ދިރާސާތައްކުރާ މުސްތަގިއްލު އިމްލީ މަރުކަޒެކެވެ. މި މަރުކަޒުގެ އަމާޒުތަކުގެ ތެރޭގައި ހަނދު ބެލުމާއި ހަނދުކޭތައާއި އިރުކޭތަ ފަދަ ފަލަކީ ފެނޯމެނަން ތަކާބެހޭ މައުލޫމާތު ފޯރުކޮށްދީ ފަލަކީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުން ހިމެނެއެވެ.
މި މަރުކަޒުން ނެރުނު ބަޔާނެއް ބުނާގޮތުން ރަމަޟާން މަހާއި ޝައްވާލު މަސް ނޫނަސް ކޮންމެ ހަނދު މަހެއް ފެށުނުކަން ވެސް އިއުލާންކުރުމުގެ މައްސަލައަކީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޚާއްސަ ކަމެކެވެ. ނުވަތަ އިޚްތިސާސެކެވެ. އެއީ, ފަލަކީ ދިރާސާތައްކުރާ ވަކިވަކި ފަރުދުންނާބެހޭ ކަމެއްނޫނެވެ.
ހަނދު މަހެއްގެ ނިމުމާއި ފެށުން އިއުލާންކުރާނީ ގައުމުތަކުގެ ސަރުކާރުތަކުގެ ކަމާބެހޭ ރަސްމީ އިދާރާތަކުންނެވެ.
ބައެއް އިސްލާމީ ގައުމުތަކުން މިއަހަރުގެ ރަމަޟާން މަސް ފެށީ މާޗު މަހުގެ އެއްވަނަ ދުވަހެވެ. އަނެއްބައި ގައުމުތަކުން މާޗު މަހުގެ ދެވަނަ ދުވަހެވެ.
ސައޫދީ އަރަބިއާގެ ހައިކޯޓުންވަނީ ޝައްވާލް މަހަށް ހަނދު ބެލުމުގެ ކަންތައް މިރޭ (ހޮނިހިރު ދުވަހުގެ ރޭގައި) ކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. މި ބަޔާން ވަނީ ހަމަލޮލުން ބަލައިގެން ހަނދު ފެނުނަސް އަދި ދުރުމިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހަނދު ބެލިކަމަށް ވިޔަސް ހަނދު ފެނިއްޖެނަމަ އެންމެ ކައިރީގައިވާ ކޯޓަކަށް އެކަން އަންގައި ހަނދު ފެނުނުކަމުގެ ހެކި ހުށަހެޅުމަށް އާންމުންގެ ކިބައިން އެދިފައެވެ.
މިކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ޝައްވާލު މަހުގެ ހަނދާ ބެހޭގޮތުން ގޮތެއް ސައޫދީގައި ގޮތްނިންމައި އެކަން އިއުލާންކުރާނީ ސައޫދީ ދައުލަތުންނެވެ. ރަސްމީ ސިފައެއްގައެވެ. އިސްލާމީ އެހެން ގައުމުތަކުގައި ވެސް ކަންކުރަނީ މިއާ ދާދި އެއްގޮތަކަށެވެ.
އަބޫދަބީގައި މަރުކަޒު ހުންނަ ފަލަކީ އިލްމުގެ ދިރާސާތަކާބެހޭ މަރުކަޒު "ދަ އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރު" ބުނާގޮތުން މި އަހަރުގެ ރަމަޟާން މަސް ނިމުމާއި އަދި ޝައްވާލް މަހަށް ހަނދު ބެލުމުގައި، އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުންނާނެއެވެ.

ފަލަކީ ހިސާބުތައް ދައްކާގޮތުން ބައެއް އިސްލާމީ ގައުމުތަކަށް މިރޭ ޝައްވާލް މަހުގެ ހަނދު ފެންނައިރު އަނެއްބައި ގައުމުތަކަށް ނުފެންނާނެއެވެ. އެއީ، އެ ގައުމުތަކުގެ ޖިއޮގްރަފިކް ލޮކޭޝަންގެ ސަބަބުންނެވެ.
މިރޭ އިރު އޮއްސުމުގެ ކުރިން ބައެއް އިސްލާމީ ގައުމުތަކަށް ހަނދު އޮއްސޭނެއެވެ. މާނައަކީ އެ ގައުމުތަކަށް ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. ނަމަވެސް، އަނެއްބައި ގައުމުތަކުގައި ހަނދު އޮއްސޭނީ އިރު އޮއްސުމުގެ މިނިއްޓު ކޮޅެއް ފަހުންނެވެ. އެހެންކަމުން އެ ގައުމުތަކަށް ހަނދު ފެންނާނެއެވެ.
ފަލަކީ އިލްމުގެ ދިރާސާތަކާބެހޭ މަރުކަޒު ބުނާގޮތުން މިރޭ ހަނދު ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ގައުމުތަކުގައި ވެސް ހަނދު އޮއްސޭ ވަގުތުތައް އެކި ގައުމުތަކުގައި ތަފާތުވާނެއެވެ.
ފަލަކީ ހިސާބުތަކުން މިރޭ ހަނދު ފެންނާނެ ކަމަށް ދައްކާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، އަފްޣާނިސްތާން، ތުރުކީ، އިރާގު، އީރާން، ސައޫދީ ހިމެނޭގޮތަށް ގަލްފުގެ ގައުމުތަކާއި މިސްރު، ލީބިއާ، އަލްޖަޒާއިރު، މަޣްރިބް އަދި ހުޅަނގު އެފްރިކާގެ ގައުމުތައް ހިމެނެއެވެ.
ފަލަކީ ހިސާބުތަކާ ހަވާލާދީ ފަލަކީ އިލްމުގެ މަރުކަޒުގެ ދިރާސާތައް ބުނާގޮތުން ދުނިޔޭގެ އިރުމަތީ ފަޅީގައިވާ ގިނަ ގައުމުތަކަށް މިރޭ ޝައްވާލް މަހުގެ ހަނދު ނުފެންނާނެއެވެ. އެއީ އިރުއޮއްސުމުގެ ކުރިން ނޫނީ އިރު އޮއްސޭ ވަގުތާ އެކު އެ ގައުމުތަކުގައި ހަނދު އޮއްސޭނެތީއެވެ. މިފަދަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، ބަންގްލަދޭޝް، މެލޭޝިއާ، ބުރުނާއި އަދި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނެއެވެ.