މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއްނޫން ކަމަށާއި، އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲ ކަމާއި އެހެންކަމުން މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެކަމަށްް މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރަމަޟާން މަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެ" މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ރަމަޟާން މަސް އަހަރެމެންނައި އަލްވަޢުކިޔަނީކަމާއި، އެ މަހުގެ ވެރި ﷲ ދިރިދެމިވޮޑިގެންވާކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ ޢަމަލުކުރުމަކަށް އަލްވަދާޢެއް ނުކިޔާނެކަމަށެވެ. އެހެންކަމުން އޮތީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުންކަމަށާއި އަޅުކަންކުރުމަކީ، الله سُبْحَانَهُ وَتَعَالَى އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާކަމަށާއި ރަމަޟާން މަހަކީ އެ ފަދަ މޫސުމެއްކަމާއި، އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެކަމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަޑުއަހަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ހަމައެހެންމެ ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މި ދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައި ކަމަށާއި އެހެންކަމުން ތިބާއީ ހެޔޮ ކަމަށް އެދޭ މީހަކަށް ވާން ޚުތުބާގައި ގޮވާލިއެވެ. އަދި، ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަތުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
"މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވެއެވެ. ރަމަޟާންމަހު ރޯދަ ހިފައި އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ،" ޚުތުބާގައި ބުންޏެވެ.
ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރުކުރަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އިސްތިޣުފާރުކުރުމަކީ، އެކަލާނގެ ހަޟުރަތުގައި، ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. މާތްﷲ އީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއީ އެކަލާނގެ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަޑުއަހަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ނިމިގެން މި ދާ ރަމަޟާން މަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލަން ޚުތުބާގައި ގޮވާލެއްވިއެވެ. އަދި ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ޤަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުރުމަށާއި ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބަލުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.
"ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެން ނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާ ގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެއެވެ،" ޚުތުބާގައި ނަސޭހަތްތެރިވިއެވެ.