ދާދިފަހުން އޮސްޓްރޭލިއާގެ މެލްބޯންގައި ބޭއްވި މިއުޒިކް ޝޯއަކަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ނެހާ ކައްކަރު ދިއުން ލަސްވުމާ ގުޅިގެން ޝޯ ބަލަން އެއްވި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް ލަވަކިޔުންތެރިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ނެހާގެ މިއުޒިކް ޝޯ ބަލަން ޓިކެޓު ގަނެގެން އެއްވި އެތައް ބަޔަކު ވަނީ ތިން ގަޑިއިރުވަންދެން ލަވަކިޔުންތެރިޔާގެ އިންތިޒާރުގައި އެތަނުގައި މަޑުކޮށްފައެވެ.
ނެހާއަށް ރައްދުކޮށް ބައެއް މީހުން ވަރަށް ހުތުރު ބަހުން ފާޑުކިޔާފައިވަނިކޮށް ލަވަކިޔުންތެރިޔާ ވަނީ ކޮންސެޓަށް ލަހުން ދެވުނު ހަގީގީ ސަބަބު ސަޕޯޓަރުންނަށް ބުނެދީފައެވެ.

ނެހާ ފިރިމީހާ ރޯހްޕްރީތްއާ އެކު--ފޮޓޯ/ޓައިމްސްނައު
ނެހާގެ އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތިން ގަޑިއިރު ވަންދެން ޝޯ ބަލަން ގޮސް އެ ތަނުގައި މަޑުކޮށްގެން ތިބި ކަމަށް ބަޔަކު ޝަކުވާ ކުރިއިރު ނެހާއަށް ޝޯ ދިނުމަށް ނުދެވުނީ ކީއްވެގެންތޯ އެއްވެސް މީހަކު އަހާފައިނުވާ ކަމަށެވެ.
ނެހާ މެލްބޯންގައި ދިން ޝޯ އެންމެފަހުން ދިނީ މުޅިން ހިލޭ ކަމަށާއި އެ ޝޯ ސްޕޮންސާ ކުރި ފަރާތްތަކުން ވަނީ ނެހާގެ ފައިސާއާ އެކު ފިލާފައިވާ ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
ނެހާގެ ބޭންޑްގެ މެންބަރުން މެލްބޯންގައި މަޑުކުރާނެ ހޮޓަލާއި ކެއުމުގެ ޚަރަދު ހަގީގަތުގައި ދޭންޖެހެނީ އެ ޝޯ އިންތިޒާމު ކުރި ފަރާތްތަކުން ކަމަށާއި ނަމަވެސް ފަހު ވަގުތު އެ ހުރިހާ ޚަރަދެއް ކުރީ ނެހާގެ ފިރިމީހާ ރޯހަންޕްރީތު ކަމަށް މަގުބޫލު ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
ނެހާގެ ސަޕޯޓަރުން ލަވަކިޔުންތެރިޔާގެ އިންތިޒާރުގައި ތިބިކަން އެނގޭތީ އަވަސްވެގަތީ ސްޓޭޖަށް އަރައި ޕާފޯމުކުރަން ނަމަވެސް ޝޯގެ ސައުންޑު ހަމަޖައްސަން ހަވާލުވި މީހާއަށް ވެސް ސްޕޮންސަރުން ފައިސާ ދައްކާފައިނުވާތީ އެކަމުގައި ވެސް ދަތިތަކެއް ދިމާވި ކަމަށް ނެހާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ތިން ގަޑިއިރު ފަހުން ނެހާ ސްޓޭޖަށް އަރައި ލަވަތައް ހުށަހަޅަން ފެށުމުގެ ކުރިން ގިސްލަގިސްލާފައި ރޯ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެއްބަޔަކު ނެހާއާއި ނެހާގެ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވީ ނަމަވެސް ނެހާގެ ޓީމަށް އެއްބާރުލުންދީ އެހީތެރިވެދިން މީހުންނަށް ލަވަކިޔުންތެރިޔާ ވަނީ ޝުކުރު އަދާކޮށްފައެވެ. މެލްބޯންގައި ކުރެވުނު ތަޖުރިބާ ހިއްސާކުރަމުން ނެހާ ބުނީ އެ ކޮންސެޓުގެ ސްޕޮންސަރުންނާއި ކޮންސެޓު އިންތިޒާމުކުރި މީހުންގެ ނަން ހާމަކުރަން ބޭނުންނުވާ ކަމަށެވެ.