ބެއިޖިން (27 މާޗް 2025): ދުނިޔޭގެ މާކަނޑުތައް ހުރަސްކޮށް ކަނޑު އަޑީގައި އަޅާފައިވާ ސަބްމެރިން ކޭބަލްތައް ބުރިކޮށްލެވޭ ވަރުގެ ބާރުގަދަ ޑިވައިސްއެއް ޗައިނާއިން އުފައްދައިފިއެވެ.
އެމެރިކާގެ މަޖައްލާއެއް ކަމަށްވާ ނިއުސްވީކު ބުނާގޮތުން ޗައިނާ އުފައްދާފައިވަނީ މާކަނޑުތަކުގެ އަށް ކިލޯމީޓަރުގެ ފުނުގައި އަޅާފައިވާ ކޭބަލްތައްވެސް ބުރިކޮށްލެވޭ ވަރުގެ ސޮފިސްޓިކޭޓެޑް ޑިވައިސް އެކެވެ. ސަބްމެރިން ކޭބަލް ބުރިކުުރުމަށް މިހާ ބާރުގަދަ އަދި ސޮފިސްޓިކޭޓެޑް ޑިވައިސް އެއް މީގެކުރިން އެއްވެސް ގައުމަކުން އީޖާދުކޮށްފައި ނުވާކަން އެނގިފައިނުވާކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
މި ޑިވައިސް ކޮންޓްރޯލްކޮށް އެއަށް މަގުދައްކައި އޭތި މަސައްކަތްކުރާ ގޮތާއި އޭގެ މިސްރާބު ބެލުންފަދަ ކަންތައް ކުރަނީ މިކަމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކަނޑުބޯޓެއްގައިވާ ކޮންޓްރޯލް ރޫމުންނެވެ.
ބެއިޖިންގައި ހުންނަވާ ނިއުސްވީކުގެ މުރާސިލު މިކާ މެކްކާޓްނޭ ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ މި އައު އީޖާދުގެ ބޭނުމަކީ އަންޑާސީ ކޮމިއުނިޚޭޝަން އިންފްރާސްޓަރަކްޗަރ ހަލާކުކޮށްލަން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ގާބިލްކަން ޗައިނާގެ ކިބާގައި ހުރިކަން ދައްކާލުމެވެ. މިއީ ޗައިނާއާ ވާދަކުރާ އެމެރިކާއަށް ކުރިމަތިވެގެންދިޔަ އާދަޔާ ޚިލާފު ގޮންޖެހުމެކެވެ.

ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ މާކަނޑުތައް ހުރަސްކޮށް ކަނޑު އަޑީގައި އަޅާފައިވާ ސަބްމެރިން ކޭބަލްތައް އާންމުކޮށް ހުންނަނީ ކަނޑުގެ ސަތަހުން 4 ކިލޯމީޓަރުގެ ފުނުގައެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހިނގާ ގްލޯބަލް ކޮމިއުނިކޭޝަންސް ގެ 95 އިންސައްތަ ބިނާވެފައިވަނީ ސަބްމެރިން ކޭބަލްތަކުގެ މައްޗަށެވެ. މި ކޮމިއުނިކޭޝަންސް ހިނގަނީ އެކޭބަލްތައް މެދުވެރިކޮށެވެ.
އެހެންކަމުން ހަނގުރާމާއެއް ހިނގާ ހާލަތެއްގައި ސަބްމެރިން ކޭބަލްތައް ބުރިކޮށްލުމުގެ ގާބިލްކަން ހޯދުމަކީ އެމެރިކާގެ މައްޗަށް ޗައިނާ ހޯދި ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ޑިވައިސް އީޖާދު ކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ރީސާޗް މަރުކަޒަކުންނެވެ. އެއީ "ޗައިނާ ޝިޕް ބިލްޑިންގް ސައެންޓިފިކް ރީސާޗް ސެންޓަރ" އިންނެވެ. މި ރީޗާސް ސެންޓަރަކީ ޗައިނާ ސަރުކާރުގެ "ޑީޕްސީ މޭންނެޑް ވެހިކަލް ލެބޯޓްރީ" ގައި ހިމެނޭ ސެންޓަރެކެވެ.
ޗައިނާ އީޖާދުކުރި މި ޑިވައިސް އިން ސަބްމެރިން ކޭބަލްތައް ކަނޑު އަޑީގައި ބުރިކޮށްލަން ބޭނުންކުރަނީ މިނިއްޓަކު 1600 ބުރުއަޅާ ވަރަށް ވަރުގަދަ ސްޓީލަކުން ހަދާފައިވާ ކީހަކުންނެވެ.
މިއީ، ސަބްމެރިން ކޭބަލްތައް ރައްކާތެރި ކުރުމަށްޓަކައި އޭގެ ވަށައިގެން ލާފައިވާ ސްޓީލް ލޭޔާ ފަސޭހައިން ބުރިކޮށްލެވޭ ވަރުގެ ބާރުގަދަ ކީހެކެވެ.
ޗައިނާގެ މަސްލަހަތަށް ނުރައްކާވާ ގޮތަށް އެމެރިކާއާއި ޓައިވާނުން ޓައިވާން ކަނޑުއޮޅީގައި އަޅާފައިވާ ކޭބަލްތައް ބުރިކުރާ ކަމުގެ ތުހުތު މީގެކުރިންވެސް އެމެރިކާއިން ޗައިނާގެ މައްޗަށް ކޮށްފައިވެއެވެ. ޗައިނާއަކީ ކަނޑުގެ ތިލަ ސަރަހައްދުތަކުގައި އަޅާފައިވާ ކޭބަލްތައް ބުރިކުރުމުގެ ޓެކްނޮލޮޖީ ކުރިންވެސް ހުރި ގައުމެކެވެ. ނަމަވެސް މިހާރު ޗައިނާ މި ޖައްސާލީ މިދާއިރާގެ ވަރަށް އެޑްވާންސް މަރުހަލާއަކަށެވެ.
ޓައިވާނަކީ ޗައިނާގެ ބައެކެވެ. ޗައިނާގެ ޖަޒީރާ އެކެވެ. އެމެރިކާގެ އެހީއާއެކު ޓައިވާން ވަކިވެގަތީ 1949 ވަނަ އަހަރު ޗައިނާއަށް އައި ކޮމިއުނިސްޓް އިންގިލާބާ ގުޅިގެންނެވެ. އެއިންގިލާބާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެއަށްފަހު އެމެރިކާ ޓައިވާން ބޭނުންކުރަނީ ޗައިނާއަށް ޖެއްސުން ކުރުމަށެވެ.
ޓައިވާން އެމެރިކާއަށް ބަރޯސާވަނީ ޗައިނާ އަސްކަރީ ބާރު ބޭނުންކޮށްގެން އެގައުމުގެ ބާރުގެ ދަށަށް ޓައިވާން އަލުން ގެނަސްފާނެތީ އަމިއްލަ ހިމާޔަތުގައެވެ. ނަމަވެސް ޗައިނާ ދެކޭގޮތުގައި ޓައިވާންގެ މައްސަލައަކީ އެގައުމުގެ ދާޚިލީ މައްސަލައެކެވެ. މިމައްސަލައިގެ ތެރެއަށް އެމެރިކާ ވަދެގެން ނުވާނެއެވެ.
ޗައިނާ ވަނީ ސުލްހަ ވެރިގޮތުގައި ނުވަތަ ބާރުގެ ބޭނުންކޮށްގެންވެސް ޓައިވާން އަލުން ޗައިނާގެ ދަށަށް ގެންނާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ. މިއީ ޗައިނާގެ ދާޚިލީ މައްސަލައެއްކަމަށް ބުނެ އެމެރިކާއަށް ގިނަ އިންޒާރު ތަކެއް ދީފައެވެ. ނަމަވެސް މިކަން ކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
ޓައިވާން ވަކިވެގަނެގެން އުޅުނު ނަމަވެސް ޗައިނާދެކެ ބިރަށް މިނިވަންކަން އިއުލާން ކުރަން ކެރިފައެއް ނުވެއެވެ. ޗައިނާގެ މި އީޖާދާ ގުޅިގެން ހުޅަނގުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕެސިފިކް ޕްރޮގްރާމް އެޓް ޖާމަން މާޝަލް ފަންޑް ގެ އެގްޒެކެޓިވް ޑައިރެކްޓާރ ބޮނީ ގްލޭޒާ ވަނީ ޗައިނާ އަބަދުވެސް އެހެން ގައުމަކަށް އިސްވެ ހަމަލާ ނުދޭނެވާހަކަ އާއި ހަނގުރާމަ ބޭނުންނުވާ ވާހަކަ ދައްކާއިރު ބޮޑެތި ރީސާޗްތައް ހަދައިގެން ދުޝްމަނުން ގެ ލޯތައް ކަނުކޮށްލެވޭ ވަރުގެ ބާރުގަދަ ޑިވައިސްތައް އިޖާދު ކުރުމުގައި ޗައިނާގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ޗައިނާ ވަނީ ބޭނުން ވެއްޖެ ހާލަތެއްގައި ޖައްވުގައިވާ ސެޓަލައިޓްތައް ގޮއްވާލުުމުގެ ގާބިލްކަންވެސް މީގެ 15 ވަރަކަށް އަހަރު ކުރިން ހޯދާފައެވެ. މިކަންވަނީ އަމަލީ ގޮތުން ތަޖުރިބާވެސް ކޮށްފައެވެ.
comment ޅައިރު
3 day 8 hour ago
މަރުހަބާ