ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރި މަސްދަޅު ކޭސް 111،808 ގޭބިސީއަކުން ގެންގޮސްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ޚިޔާލުތައް އަޑުއައްސަވައި ސުވާލުތަކަށް ޖަވާބުދެއްވުމަށް މިއަދު ފެއްޓެވި ޚާއްޞަ ޕޮޑްކާސްޓުގައެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ރަމަޟާން މަހަކީ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭނެ މަހެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި މިދިޔަ އަހަރު ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތް ހަދިޔާކުރި ކަމަށާއި މި ފަހަރު މަސް ދަޅު ކޭސް ހަދިޔާކުރި ކަމަށެވެ.
މަސް ދަޅަކީ ވަކިން ޚާއްސަކޮށް ރޯދަމަހު ބޭނުންކުރާ އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ހަދިޔާކުރުމަށް ނިންމި ކަމަށާއި އެކަން ހަމަޖެހިގެން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށެވެ.
"ޖުމްލަ 111،808 ކޭސް މިހާރު ގެންގޮސްފި ގޭގެއަށް. އެއީ އަތޮޅުތެރޭގެ 61،909 ގެއާ އެއްކޮށް. އަދި މާލޭގައި 49،899 ގޭބިސީއަކާ އެއްކޮށް. ދެން މިހާރު ހަމަ ނުގެންދާ މީހުންނަށް އައިސް ބޭނުންވީމާ ގެންދެވޭ ގޮތަށް އެ އޮންނަނީ. ގާތްގަނޑަކަށް ހަމަ ހުރިހާ ބޭފުޅުން ގެންގޮސްފި،" ރައީސް ޑރ. މުޙައްމަދު މުއިއްޒު
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. ސަރުކާރުން ވަނީ މިދިޔަ ރަމަޟޯން މަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ރޯދަމަހާ ދިމާކޮށް ހިލޭ ފޯރުކޮށްދީފައެވެ.
ރޯދަ މަހުގެ ފަހު ދިހައެއް ވެސް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އެ ގޮތުން މި މަހު 20 އިން ފެށިގެން އަންނަ މަހު 5 އާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.