އަމާޒަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާއަށް އައުގާފް އިންވެސްޓްމެންޓް ފުޅާކުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހާފިޒުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށްފަހު ވަރަށް ބޮޑު ދެ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަޝްރޫއަށް ބީއެމްއެލް އިސްލާމިކްގެ ފައިނޭންސް މިހާރު ހަމަޖެހިފައި ވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން މި މަޝްރޫތައް ފުރިހަމަވުމުން 2045 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރަކު 12 މިލިއަން ރުފިޔާ އިސްލާމިކް ވަގުފް ފަންޑަށް ޖަމާވާނެ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި 2045 ވަނަ އަހަރުގެ ފަހުން ގާތްގަނޑަކަށް 70 ވަރަކަށް މިލިއަން ރުފިޔާ، މިނިސްޓްރީގެ އިސްލާމިކް ފަންޑަށް ވަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ 2024 އަންނައިރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މިފަދަ މަޝްރޫތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިއަނަށް އަރާވަރަށް އަޅުގަނޑުމެންގެ އައުގާފް އިންވެސްޓްމެންޓްތައް ފުޅާކުރުން. މިދައުރުގެ ތެރޭގައި އިންޝާﷲ އެކަން އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވޭނެއިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ވަޒީރު ވިދާޅުވީ މިއަދު ޒުވާން ޚަތީބުން ފެންނަނީ ވިސްނުމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ. މީގެ ކުރިން ވިސްނިފައި އޮންނަ ގޮތުގައި، އިމާމަކަށް ވެވޭނީ އިމާމް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޖީސީއޯލެވެލް އަދި އޭލެވެލް ހަދައި މަތީ މާކްސްތަކާއެކު ނުކުންނަ ދަރިވަރުންނަކީ ކީރިތި ޤުރުއާނުގެ އިލްމަށާއި ފިގުހަށް އަހުލުވެރި، އިމާމްކަން ކުރެވޭ ވަރުގެ ޝަހުސިއްޔަތުތައް ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި 24 ހާފިޒަކު ވަނީ ދަސްވެނިވެފައެވެ. އެ ހާފިޒުންނަށް ހާފިޒުކަމުގެ ސަނަދު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.