ފަލަސްތީނުގައި ހިނގަމުންދާ ކަންތައްތައް ކިޔައިދީގެން އޮސްކާ އެވޯޑު ކާމިޔާބުކުރި ފިލްމު ޑިރެކްޓަރު އިޒްރޭލުގެ ފުލުހުންގެ ހައްޔަރުގައި ބަހައްޓައި އަނިޔާތަކެއް ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.
މި އަހަރުގެ އޮސްކާގައި އެންމެ މޮޅު ޑޮކިއުމެންޓްރީ ފިލްމުގެ އެވޯޑު ހޯދާފައިވަނީ "ނޯ އަދާ ލޭންޑް" ކިޔާ ފިލްމެކެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.
މި ފިލްމަކީ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ ބާސެލް އަދުރާއާއި އިސްރާއީލަށް ނިސްބަތްވާ ނޫސްވެރިޔެއް ކަމަށްވާ ޔުވާލް އަބްރަހަމްގެ އިތުރުން ފިލްމް މޭކަރު ހަމްދާން ބައްލާލް އަދި ރޭޗެލް ސޯރު ޑައިރެކްޓް ކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.
ފިލްމަށް މަގުބޫލުކަން ލިބެމުންދަނިކޮށް އިޒްރޭލުގައި އުޅޭ މީހުންތަކެއް ވަނީ ދާދިފަހުން ހަމްދާން އަތުލައިގަނެފައެވެ. އަދި، އެތައް ބަޔަކު ވެގެން އޭނާ އަތުލައިގަނެ ވެސްޓް ބޭންކު ސަރަހައްދަށް ގެންގޮސް ވެސް ވަނީ އަނިޔާތަކެއް ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ގެންގޮސްފައިވަނީ އޭނާގެ އަމިއްލަ ގެއިން ނެރެގެންނެވެ. އެއަށް ފަހު އިޒްރޭލުގެ ފުލުހުން ވަނީ އޭނާ އަނެއްކާ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ހައްޔަރުގައި ހުރިއިރު ފުލުހުންގެ ފަރާތުން ވެސް ހަމްދާނަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ހަމްދާންގެ ވަކީލު ލެއާ ޒެމެލް ބުނެފައިވާ ގޮތުގައި ހަމްދާން ވަނީ މިދިޔަ އަންގާރަ ދުވަހު ދޫކޮށްލާފައެވެ.
އޭނާ ބުނި ގޮތުގައި ހޯމަ ދުވަހުގެ ރޯދަ ވީއްލުމަށް ފަހު ގެއަށް ދިޔަ ވަގުތު މޫނު ފޮރުވައިގެން ދިޔަ ތިން މީހަކު ވަނީ އޭނާ އަތުލައިގަނެ އަނިޔާކޮށްފައެވެ. މި މައްސަލައިގައި ދެން ފުލުހުން ދީފައިވާ އަނިޔާތަކާ ގުޅޭގޮތުން މާ ގިނަ މައުލޫމާތެއް ނުދެއެވެ. ހަމްދާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ލެއާ ބުނެއެވެ. ފުލުހުންގެ ހައްޔަރުގައި އޭނާ ހުރިއިރު އޭނާއަށް އެއްވެސް ފެނެއް އަދި އެ ނޫން ވެސް އެއްޗެއް ވެސް ދީފައިނުވާ ކަމަށް ލެއާ ބުނެއެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު ފުލުހުންގެ ބަޔަކަށް އެ އަމަލުގެ އަދަބެއް ލިބޭނެހެން ހީނުވާ ކަމަށް އޭނާ ބުނެއެވެ.