ޕްރޮގްރާމެއްގައި ދެއްކި ވާހަކައިގެ މައްސަލަ: ކަރަމާތް ނުގެއްލޭހެން ކޮންޓެންޓު އުފައްދަން އެދެފި

ރާއްޖެޓީވީން ދެއްކި ޕްރޮގްރާމުގެ ސްކީންޝޮޓެއް -----

ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އެއްވެސް މީހެއްގެ ކަރާމަތެއް ނުގެއްލޭހެން ކޮންޓެންޓު އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމް އިން އެގޮތަށް އިލްތިމާސްކުރީ، ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމަށް، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ގޮތަކަށް ވާހަކަދައްކާފައި ވަނިކޮށެވެ.

އެ ޕްރާގްރާމުގައި މެހެމާނުގެ ގޮތުގައި، ބައިވެރިވެވަޑައިގެން ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ)އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ. އަދި، ޕްރޮގްރާމް ހުށަހަޅައިދިނީ ޕްރެޒެންޓަރު ހުސައިން ރަމީޒެވެ.

އެ ޕްރޮގްރާމްގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކޮށް، އެ ކަމަށް ފިޔަވަޅު އަޅަން ގޮވައިލަމުންނެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމުން، ނެރުނު ބަޔާނެއްގައި ވަނީ، ދިވެހިރާއްޖެ ގާނޫނު އަސާސީގެ 35ވަނަ މާއްދާގައި ބުނާ "ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނާ އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްސަ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްތަކާ ގައިޑްލައިންތަކާ ޚިލާފުވާ ކޮންޓެންޓު ބްރޯޑްކާސްޓު ކުރުމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން، އެ ފަދަ ކޮންޓެންޓު ތަހުގީގުކޮށް، އެކަން ރަނގަޅު ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހުތިޞާސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީއާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހާ ގާނޫނުތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓު އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް

comment ފާއިޒުބެ

3 day 5 hour ago

މިދެން މިހާރު ހަމައެއް ލަމައެއް އަޚުލާގެއް އޮތް ޤައުމެއް ނޫން. ހެޔޮ އެއްޗެއް ބުނާ މީހާ ގޯސް ވާނީ

comment ސލހ

3 day 9 hour ago

ސިޔާސީ ވާކަށް ވެސް ނޭންގޭ. ސިޔާސީ ވުމަކީ މީހުންގެ އަބުރަށް އަރައިގަތުމެއް ނޫން

comment އަލީ

4 day 16 hour ago

ޕާޕާއަކީ ކާނަލެއް ނޫން، އެއީ ފަސްޓް ލެފްޓިނަންޓް ރޭންކަށް ޑިމޯޓކޮށްފައިވާ މީހެއް...