ބަންދުކުރަންވީ ސަބަބު ފުލުހުންނަށް ބުނެނުދެވުމުން، ތޫނު ހަތިޔާރު ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި

ކްރިމިނަލް ކޯޓު: ފުލުހުންނަށް ބަންދުކުރަންވީ ސަބަބު ބުނެނުދެވުމުން، ތޫނު ހަތިޔާރު ގެންގުޅުނު ކަމަށް ތުހުމަތުކުރި މީހަކު ދޫކޮށްލައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ބަންދުކުރުމަށް ފުލުހުން ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް، އޭނާ ބަންދުކޮށްދިނުމަށް އެދި ހުށަހަޅާ ގާނޫނީ މާއްދާ ފުލުހުންނަށް ސާފުކޮށްނުދެވޭ ކަމަށް ބުނެ، ކްރިމިނަލް ކޯޓުން އެ މީހާ ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ފުލުހުން ތުހުމަތުކުރަނީ މާލެއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނަކަށެވެ.

މިއީ ފުލުހުން އޭނާ ބަންދުކުރުމަށް އެދި ހުށަހެޅި ދެވަނަ ފަހަރެވެ.

އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް، އޭނާ ކުރިކަމަށް އެކަށީގެންވާ ހެކި ހުރިކަމަށް ފުލުހުން ބަޔާންކުރި ނަމަވެސް، ހުށަހަޅާފައި އޮތީ މީގެ ކުރިން ވެސް ހުށަހެޅި ހާދިސާ ރިޕޯޓު ކަމަށެވެ.

އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުށަހަޅަނީ ގާނޫނީ ކޮން މާއްދާއަކާއި ހަވާލާދީކަން ފޯމުގައި ބަޔާންކޮށްފައި ނެތް ކަމަށް އަމުރުގައިވެއެވެ.

ހަމައެއާއެކު އޭނާ ބަންދުކޮށްދިނުމަށް އެދި ހުށަހަޅާ ގާނޫނީ މާއްދާ ސާފުކޮށްދިނުމަށް އެދުމުން، އިންވެސްޓިގޭޓިވް އޮފިސަރަށް އެކަން ސާފުކޮށްދެވިފައިނުވާ ކަމަށް އަމުރުގައިވެއެވެ.

އެހެންކަމުން ހުށަހަޅާފައި ހުރި ކަންކަމަށް ބަލައި، އޭނާ ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމީއެވެ.

comment ކޮމެންޓް