ގަލޮޅުގައި ހުރި ގެއަކަށް ގޮސް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހަތަރު މީހުން ހައްޔަރު ކުރީ މާރިޗު 8، 2025 ވަނަ ދުވަހުގެ ރެއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ:
- އއ. މާޅޮސް، ރީތިހިޔާ, 23، މުހައްމަދު އަފްލާޙް
- ނ. ވެލިދޫ، އެލަސް, 21، އިބްރާހިމް އަހްނަފް
- ނ. މަނަދޫ، ހަވޭލި, 23، މުޙައްމަދު އަޒާން
- ތ. ގުރައިދޫ، ފަޒާ, 21، އަލީ ނަވާފު
މި މީހުންގެ ބަންދަށް މާރިޗު 9، 2025 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އެއަށްފަހު އެ މުއްދަތު ހަމަވުމާއެކު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފައެވެ. އެ މުއްދަތު ދެން ހަމަވާނީ އޭޕްރީލް 7، 2025 އަށެވެ.
މާރިޗު 9، 2025 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި މި ހަތަރު މީހުން ވެސް ބުނީ، ގަލޮޅުގައި ހުރި އެޕާޓްމަންޓަކީ އަތޫފް ކިޔާ ރައްޓެއްސަކު ކުއްޔަށް ނަގައިފައިވާ ތަނެއްކަމަށެވެ. އަދި އަތޫފާ ގޭގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން ވެސް އެބަ އޮތް ކަމަށާއި އެ ހަތަރު މީހުން އެތަނަށް ދިޔައީ އަތޫފުގެ ފަރާތުން އެތަން ސާފުކޮށްދޭން އެދުމުން ފައިސާ ލިބޭގޮތަށް އެ މަސައްކަތް ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.
އެ ގެއަށް ގެއްލުންދިން ކަމަށް ކުރާ ތުހުމަތުތަކަށް ހަތަރު މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ. އަދި އެތަނަށް ދިޔައީ ތަޅާފޮޅަށް ނޫންކަމަށް އެމީހުން ބުނި ކަމަށް ކޯޓު އަމުރުގައި ވެއެވެ.
އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ ކޯޓު އަމުރުގައި ވަނީ އެތަނަކީ އަތޫފު ކިޔާ މީހަކު ކުއްޔަށް ނަގާފައިވާ ތަނެއްކަން އެނގޭ އެއްވެސް ލިޔުމެއް އެއްވެސް މީހެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ.
މި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނަށް ބަލާއިރު، އެތަން އޭނަ ކުއްޔަށް ދީފައި ވަނީ އަލީ ޝިމާން ރަޝީދު ނަމަކަށް ކިޔާ މީހަކަށް ކަމަށާއި ނަމަވެސް އޭނާއަށް އެތަން ކުއްޔަށް ދީފައި ވަނީ އޭނާ ލައްވައި އެގްރިމަންޓުގައި ގަދަކަމުން ސޮއި ކުރުވައިގެން ކަމަށް އައިއޯއާ ހަވާލާދީ ކޯޓު އަމުރުގައި ވެއެވެ.
އެއާއެކު އިއްޔެ ކްރިމިނަލް ކޯޓުގައި އެ ހަތަރު މީހުން ބުނީ އެ މީހުން އެ ގެއަށް ދިޔައީ އެތަން ކުއްޔަށް ހިފާފައިވާ ފަރާތާއެކު އެއްބަސްވުން ވެސް ހިފައިގެން ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި މީހަކަށް ބިރު ދައްކައި ތަނަށް ގެއްލުން ދީފައިނުވާނެ ކަމަށް ކޯޓުގައި އެމީހުން ވަނީ ތަކުރާރުކޮށްފައެވެ. އަދި އެމީހުން އެތަނަށް ވަތްއިރު އެތަން ހުރީ ހުސްކޮށް ކަމަށް ވެސް ޝަރީއަތުގައި ވަނީ ބުނެފައެވެ.
ނަމަވެސް އެމީހުންނާއެކު އެއްބަސްވުން ހިފައިގެން އެ ގެއަށް ދިޔަ މީހާގެ އަތުގައި އޮތީ ސައްހަ އެއްބަސްވުމެއް ނޫންކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ އެއްބަސްވުމަކީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ އެ މީހުންނަށް ނޭނގޭކަމަށް އެ މީހުންގެ ފަރާތުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މި މައްސަލައިގައި އެ ހަތަރު މީހުންގެ މައްޗަށް ވެސް ކުރަނީ ބިރުދެއްކުމާއި، ޖަމާއަތް ހަދައިގެން ހުއްދަނެތި ތަންތަނަށް ވަނުމާއި، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.
އަދި މި ހަތަރު މީހުންނަކީ ވެސް ބަންދުގެ ލޮގް އޮތް ބައެއްކަން ކޯޓު އަމުރުން އެނގެއެވެ.