މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު އަދި "ޑިޖިޓަލް ސްޓޯރިޓޭލާ" ހާލިދު އަލް އަމެރީއާ އަށް އެކްސްކްލޫސިވް ފެމިލިއަލައިޒޭޝަން (އެފްއޭއެމް) ދަތުރެއް ކުރުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދީފިއެވެ.
އެމްއެމްޕީއާރުސީން ބުނީ، އިއްޔެ ޒިޔާރަތްކުރި ޚާލިދު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި މަޑުކުރާނެ ކަމަށެވެ.
އެގޮތުން، މި ދަތުރުގެ މައިގަނޑު މަގްސަދަކީ ޚާލިދުގެ ނުފޫޒުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއަކީ އެންމެ ދާން ރަނގަޅު މަންޒިލުގެ ގޮތުގައި އިޝްތިހާރުކޮށް، ދިވެހި ސަގާފަތް ދައްކާލުން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
ޚާލިދުގެ ފޭސްބުކާއި އިންސްޓަގްރާމްގައި ކޮންމެ ދުވަހަކު ޕޯސްޓްކޮށް ހިތްގައިމު ކޮންޓެންޓް ޕީސްތަކެއް އުފައްދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެ ޕޯސްޓުތަކުގައި ރާއްޖޭގައި ރަމަޟާން މަހު ޚާލިދުގެ އަމިއްލަ ތަޖުރިބާތައް ދައްކުވައިދީ، ގޮނޑުދޮށުގައި ރޯދަވީއްލުން ފަދަ ރާއްޖޭގެ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ޚާއްސަ ލަގްޒަރީ ސްޓޭތަކަށް އަލިއަޅުވާލާނެއެވެ.

އިންފުލުއެންސަރު ޚާލިދު ރާއްޖޭގައި ---- ފޮޓޯ/އެމްއެމްޕީއާރުސީ
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ގެންގުޅޭ ސްޓެންފޯޑް ޔުނިވާސިޓީގެ ގްރެޖުއޭޓެއެއް ކަމަށްވާ ޚާލިދު އަލް އަމެރީ ފާހަގަވެފައިވަނީ ސަގާފީ ތަފާތުތައް ނައްތާލައި އިސްލާމީ އާދަކާދަތަކާއި މުޖުތަމައުގެ އަސާސްތައް ފުޅާކުރުމުގެ ކުޅަދާނަ އިންފްލުއެއްސަރެއްގެ ގޮތުގައެވެ.
މެދުއިރުމަތީގެ މާކެޓުގެ ތެރޭގައި އޭނާގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރޭވޭއިރު، އެމްއެމްޕީއާރުސީން ވަނީ ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލުމަށް އޭނާއަކީ ވަރަށް އެކަށީގެންވާ ބައިވެރިއެއްކަން ފާހަގަކޮށްފައެވެ.
އެއާއެކު، ގަލްފް ބިޒްނަސް "100 މޯސްޓް ޕަވާފުލް އަރަބްސް" ލިސްޓުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ ޚާލިދު ގެންދަނީ އޭނާގެ ހިތްގައިމު އަދި މަޖާ ކޮންޓެންޓްގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އެއްބައިވަންތަ ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.