ޣައްޒާގެ ދެކުނަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ސިޔާސީ ލީޑަރު ސަލާހު އަލް ބަރްދާވީލް ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފިއެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވައިގެ ހަމަލާގައި އެ ބަރްދާވީލްގެ އިތުރުން އޭނާގެ އަންހެނުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އެ މީހުން ޝަހީދުކޮށްލާފައި ވަނީ ނަމާދަށް ތިއްބާ ކަމަށްވެސް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެކަމާގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
"އޭނާއާއި އަބަކަނބަލުންގެ ލޭ، އަދި އެހެން ޝަހީދުންގެ ލެއަކީ މިނިވަންކަމުގެ ހަނގުރާމައަށް ލިބެމުންދާނެ ހިތްވަރެއް. ދުޝްމަނުންނަށް އަޅުގަނޑުމެންގެ އަޒުމާއި އިހުތިޔާރު މުގުރައެއްނުލެވޭނެ." އެ ޖަމާއަތުން ބުނެފައިވެއެވެ.
އިސްރާއީލުން އަންގާރަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހަމާސްގެ ޑިފެކްޓޯ ސަރުކާރުގެ ވެރިޔާ އީސާމް އަދްލީސް އާއި އެތެރޭގެ ސަލާމަތީ ވެރިޔާ މަހްމޫދު އަބޫ ވަތުފާވެސް ހިމެނެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޖެނުއަރީ 19 ވަނަ ދުވަހު އަމަލު ކުރަންފެށުމަށްފަހު، އެއްބަސްވުމާ ޚިލާފުވެ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި 700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުން ގޮވާލާފައިވާއިރު، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތް ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް ގޮވާލާފައެވެ.
ޣައްޒާއަށް ފޯރުކޮށްދޭ އެހީ ހަމާސްއިން އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ކަމަށްބުނެ، އިސްރާއީލުން ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާފައެވެ. ހަމާސް އިން ވަނީ އެކަން ތަކުރާރުކޮށް ދޮގުކޮށްފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 49،500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، މުޅި ޣައްޒާވަނީ ބިމާ ހަމަކޮށްފައެވެ.