އަލިފާނުގެ ހާދިސާ ހިނގުމުން ބަންދުކުރި ހީތުރޯ އެއާޕޯޓުގެ ޚިދުމަތް އަލުން ފަށައިފި

ބްރިޓިޝް އެއާވޭސްގެ ޕެސެންޖަރު މަތިންދާބޯޓެއް ހީތްރޯ އެއާޕޯޓަށް ޖައްސަން އުޅުމަށްފަހު އަނބުރާލަނީ. އަލިފާނުގެ ހާދިސާގެ ސަބަބުން އެ އެއާޕޯޓު ބަންދު ކުރުމަށްފަހު މިހާރު ވަނީ ހުޅުވާފައި. ފޮޓޯ/ރޮެއިޓާސް

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މައި، ހީތުރޯ އެއާޕޯޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން ދިޔަ ސަބްސްޓޭޝަނުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެއާޕޯޓު ބަންދުކުރުމަށްފަހު އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ބައެއް ފްލައިޓްތަކުގެ ދަތުރުތައް އަލުން ފެށި ނަމަވެސް ދުނިޔޭގެ ފަސް ވަނައަށް އެންމެ ބިޒީ އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން ލައްކައެއްހާ މީހުންނަށް ވަނީ އެ މީހުން ތިބޭނެ ހޮޓާތަކާއި، އެހެނިހެން ވަސީލަތްތަކުގެ ޚިދުމަތް ހޯދަންޖެހިފައެވެ.

އެއާޕޯޓުގެ ތަރުޖަމާނު ބުނި ގޮތުގައި ކަރަންޓު ކެނޑުމުގެ ސަބަބުން ގެއްލުން ލިބުނު ފަސިންޖަރުންނަށް އެހީތެރިވުމަށް އެއާޕޯޓުގެ އެކި ހިސާބުތަކުގައި ޓީމުތަކުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން 100ށްވުރެ ގިނަ މަތިންދާބޯޓު ޑައިވާޓު ކުރަން މަޖުބޫރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގެ އުދުހުންތަކުގެ ޝެޑިއުލަށް ވަނީ އަސަރު ކޮށްފައެވެ.

ތޮއްޖެހުން ކުޑަކުރުމަށް އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން ރޭގަނޑު ދަތުރުކުރުމަށް ކަނޑައެޅި ހުރަސްތައް ވަގުތީ ގޮތުން އުވާލި ނަމަވެސް ބްރިޓިޝް އެއާވޭސްގެ ޗީފް އެގްޒެކެޓިވް ޝޯން ޑޮއިލް ވިދާޅުވި ގޮތުގައި އެ ހާދިސާގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އެ އެއާލައިނުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށް އަސަރުކުރާނެއެވެ.

ވާޖިން އެޓްލާންޓިކްއިން ބުނީ އެ މީހުންގެ ދަތުރުތައް މިއަދު ޝެޑިއުލް ކުރެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

ފްލައިޓް އެނަލިޓިކްސް ކުންފުނި، ސިރިއަމްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެޓްބްލޫ، އެމެރިކަން އެއާލައިންސް، އެއާ ކެނެޑާ، އެއާ އިންޑިއާ، ޑެލްޓާ އެއާލައިންސް، ކަންޓަސް، ޔުނައިޓެޑް އެއާލައިންސް، ބްރިޓިޝް އެއާވޭސް އަދި ވާޖިން އެއާލައިންގެ ފްލައިޓްތައް ވަނީ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން ނުޖެއްސި އަނބުރާ ގޮސްފައެވެ.

ހީތުރޯ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. އެ އެއާޕޯޓަށް ދަތުރު ކުރަމުން ދިޔަ ގިނަ އަދަދެއްގެ މަތިންދާބޯޓު އިނގިރޭސިވިލާތުގެ އެހެން އެއާޕޯޓުތަކުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކަށް ޑައިވާޓު ކުރަން ޖެހުނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ލަންޑަނުގެ ހުޅަނގުގައި ސަބްސްޓޭޝަން ހުރި ސަރަޙައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ސަބްސްޓޭޝަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

އޭވިއޭޝަންގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ޔޫރަޕްގެ އެއާޕޯޓުތަކަށް މި ފަދަ ގޮތަކަށް އެންމެ ފަހުން ބުރޫއެރީ 2010 ވަނަ އަހަރު އައިސްލޭންޑުގެ އަލިފާން ފަރުބަދައެއް ގޮވައި އެރި ދުމުގެ ސަބަބުންނެވެ. އެފަހަރު 100،000 އެއްހާ ފްލައިޓް ގްރައުންޑް ކުރަން ޖެހުނެވެ.

ހީތުރޯއަކީ ދުވާލެއްގެ މައްޗަށް 1,351 މަތިންދާބޯޓަށް ޚިދުމަތްދޭ އެއާޕޯޓެކެވެ. ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް 291,000 ފަސިންޖަރުން އެ އެއާޕޯޓު ބޭނުން ކުރެއެވެ.

comment ކޮމެންޓް