ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ސުންނާފަތިކޮށްލައިފި

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނުގެ މީހަކަށް ސިއްހީ ޙިދުމަތްތެރިއަކު އެހީތެރިވަނީ. ފޮޓޯ/ރޮެއިޓާސް

އަސްކަރީ ބޭނުމަށް ހަމާސްއިން ހޮސްޕިޓަލް ބޭނުންކުރާ ކަމަށް ބުނެ، ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް އިސްރާއީލުން ބިމާ ހަމަކޮށްފިއެވެ.

މި ކެންސަރު ހޮސްޕިޓަލަކީ ތުރުކީވިލާތުގެ, ކޯޕަރޭޝަން އެންޑް ކޯޑިނޭޝަން އެޖެންސީ (ޓިކާ) އިން ބިނާކޮށް ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެކެވެ.

ހަމާސްގެ ބެލުމުގެ ދަށުގައިތިބި ރަހީނުން ދޫކޮށްނުލާހާ ހިނދަކު އިތުރު ތަންތަން ހިފައި ހަމަލާދޭނެ ކަމަށް އިސްރާއިލުން ބުނެއެވެ.

އޮންލައިންކޮށް އާންމުކުރި ފޫޓޭޖްތަކުން ފެންނަ ގޮތުގައި ހުކުރު ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން އެ ހޮސްޕިޓަލަށް ގެއްލުންދިނެވެ. އަދި ހޮސްޕިޓަލް އެއްކޮށް ހަލާކުކޮށްލާފައިވާކަން އަސްކަރިއްޔާއިން ފަހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ދޭހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި، އެ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އެ ހޮސްޕިޓަލްގެ ތިން ވަނަ ފަންގިފިލާއަށް ހަމަލާދީ ހަލާކުކޮށްލާފައެވެ. ނޮވެމްބަރު މަހު ޚިދުމަތް ނުދެވިގެން ހޮސްޕިޓަލް ބަންދުކުރިއިރު، ހޮސްޕިޓަލުން ޚިދުމަތް ހޯދާ 70 ބަލިމީހުން ތިބީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އދ. އިން އޭރު ވަނީ ބުނެފައެވެ.

މިދިޔަ އަހަރު މޭ މަހު އިސްރާއީލުން ވަނީ އެ ހޮސްޕިޓަލް އަސްކަރީ ބޭނުމަށް ބޭނުންވެސްކޮށްފައެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެ ހޮސްޕިޓަލުގެ މަސައްކަތް ފަށައި 2017 ވަނަ އަހަރު ނިންމާލާފައިވަނީ 70 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.

ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީގެ ގޮތުގައި ބެލެވުނު މި ހޮސްޕިޓަލުގެ ޖުމްލަ އެތެރޭގެ ޖާގައަކީ 33،400 އަކަމީޓަރެވެ. އެ ހޮސްޕިޓަލުން އަހަރަކު 30،000 ބަލިމީހުންނަށް ފަރުވާދެއެވެ.

comment ކޮމެންޓް