ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރާ ހޯޕް އައިލެންޑް އުތުރުތިލަފަޅަށް ބަދަލުކޮށްފި

އުތުރުތިލަފަޅު: ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރާ ހޯޕް އައިލެންޑް އުތުރުތިލަފަޅަށް ބަދަލުކޮށްފި --- ފޮޓޯ/ޕްލޭނިން މިނިސްޓްރީ

ކުށުގެ ވެށީން ކުޑަކުދިން ސަލާމަތް ކުރުމަށް ހަދާ ހޯޕް އައިލެންޑް އުތުރުތިލަފަޅަށް ބަދަލުކޮށްފިއެވެ.

ހޯޕް އައިލެންޑަކީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް، އެ ކުދިން ރަނގަޅު މަގަށް ގެނައުމުގެ ގޮތުން ސަރުކާރުން ހެދުމަށް ނިންމާފައިވާ ރިހެބިލިޓޭޝަން ފެސިލިޓީއެކެވެ.

މީގެކުރިން ސަރުކާރުން ހޯޕް އައިލެންޑް ހަދަން ނިންމާފައި އޮތީ ދ. ވާނީގައެވެ.

ނަމަވެސް، މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްލާހުކުރައްވައި، ނެރުއްވި މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރު ވަނީ، ހޯޕް އައިލެންޑް ތަރައްގީކުރާނީ އުތުރުތިލަފަޅުގައި ކަމަށެވެ. އެކަމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އެ ގަރާރުގައިވާއިރު، އެކަމަށް 10 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ގަރާރުގައިވެއެވެ.

އެއާއެކު، ހޯޕް އައިލެންޑު ތަރައްގީ ކުރުމަށް 15 މިލިއަން ޑޮލަރު ޚަރަދުވާއިރު، އުތުރުތިލަފަޅުގައި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން، އެކަމަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، އެކަމަށް 15 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އަދި، ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ތަރައްގީ ކުރުމަށް 15 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ގަރާރުގައިވެއެވެ.

މީގެކުރިން ސަރުކާރުން ބުނީ، ހޯޕް އައިލެންޑުގައި އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށެވެ.

ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ، ޚިދުމަތެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް