އިންޒާރަކާނުލައި އިސްރާއީލުން ޣައްޒާއަށް އެއްގަމުން މަގުން ހަމަލާ ދޭން ފަށައިފި

އިޒްރޭލުން ދިން ހަމަލާތަކުގައި ޝިކާރައަކަށް ވެފައިވާ މީހުންގެ ހަށިގަނޑުގެ މައްޗަށް ބައިތް ލަހިއްޔާގައި ހުންނަ ހޮސްޕިޓަލެއްގައި ކަށު ނަމާދު ކުރަނީ. ފޮޓޯ/އޭއެފްޕީ

އެއްވެސް އިންޒާރަކާނުލައި އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން ހަމަލާދޭން ފަށައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސަރަހައްދަށް އެއްގަމުން މަގުން ހަމަލާތައް ދޭން ފަށާފައިވާ ކަމަށާއި، މިހާރު ސިފައިން އަންނަނީ އުތުރުގައި އޮންނަ ބައިތް ލަހިއްޔާއާއި މެދުތެރެއަށް ހަމަލާދޭން ތައްޔާރުވަމުން ކަމަށެވެ.

ޖެނުއަރީ 19 ވަނަ ދުވަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާއަށް ވައިގެން ހަމަލާދޭން ފަށާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 590 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ސިއްޚީ ޚިދުމަތްދޭ އޮތޯރިޓީތަކުން ހާމަކުރެއެވެ. އަދި އެއްގަމުން މަގުންނާއި ވައިގެ ހަމަލާތައް އިތުރުކުރަމުން އަންނައިރު، ހަމަލާތަކުގައި ޝަހީދުވާ މީހުން އިތުރުވަމުން އަންނަ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.

އެ ހަމަލާތަކުގެ ރައްދުގައި ހަމާސްއިން މިހާރު ވަނީ އިސްރާއީލަށް ފުރަތަމަ ރޮކެޓް ހަމަލާ ދީފައެވެ. އަދި ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތް، ހޫޘީން ވެސް ވަނީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ދެކުނުގައި އޮންނަ އަސްކަރީ ސަރަހައްދަކަށް މިސައިލް ފޮނުވާފައި ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ގާތްގަޑަކަށް 49،617 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި 112،950 މީހުން ވަނީ ޒަޚަމްވެފައި ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް