ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ ކަރަން ޖޯހަރު ފިލްމީ ދާއިރާގެ އޭ ލިސްޓު ތަރިންތަކެއް އިންސްޓަގްރާމްއިން 'އަންފޮލޯ' ކުރުމާ ގުޅިގެން މީޑިއާތަކުގެ ސަމާލުކަން އެކަމަށް ލިބި ޚަބަރުތައް ފެތުރުމަކީ، ޤައުމީ ފެންވަރުގެ ޚަބަރަކަށް ހަދަންޖެހޭވަރުގެ ކަމެއް ނޫން ކަމަށް ކަރަން ބުނެފިއެވެ.
ކަރަން އިންސްޓްގްރާމްއިން 'އަންފޮލޯ'ކުރި ތަރިންގެތެރޭ ކަރަންގެ ވަރަށް ގާތް ރަހްމަތްތެރިންތަކެއް ކަމަށްވާ، ޝާހްރުކް ޚާން، އާލިއާ ބަޓް، އަނަންޔާ ޕާންޑޭ، ކާތިކް އާރްޔަން އަދި މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ ހިމެނެއެވެ.
ކާމިޔާބު ފިލްމު ޑައިރެކްޓަރު ކަރަން އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ، ސޯޝަލް މީޑިއާއިން ފިލްމީ ތަރިންތަކެއް ހިމެނޭހެން ގިނަ ބަޔަކު 'އަންފޮލޯ' ކުރީ ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތާއި ހަކަތަ މަދުކޮށް ސިކުނޑިއަށް ހަމަޖެހުމެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ކަރަން ބޮލީވުޑްގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ އާމިރު ޚާން، ޝާހްރުކް ޚާން، ރަންބީރު ކަޕޫރު، އާލިއާ ބަޓް، ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގްއާ އެކު--ފޮޓޯ/ޕިންކްވިލާ
ކަރަން އެކަން ސިފަކޮށްފައި ވަނީ މި ފަހަކަށް އައިސް ވަރަށް ގިނަ ސެލެބްރިޓީން ކުރަމުން އަންނަ 'ޑިޖިޓަލް ޑިޓޮކްސް'ގެ ގޮތުގައެވެ.
އަދި މިއީ ގައުމީ ފެންވަރުގެ ޚަބަރަކަށް ހަދަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުނެ، މީހުންގެ ސަމާލުކަން ހޯދުމަށް ކޮންމެވެސް މުހިއްމު އެހެން ކަމެއް ހޯދުމަށް ކަރަން ވަނީ މީޑިއާ ރިޕޯޓަރުންނަށް ގޮވާލާފައެވެ. ކަރަން ބުނި ގޮތުގައި މިއީ އެއްވެސް މުހިންމުކަމެއް އޮތް ކަމެއް ނޫނެވެ.
ކަރަން ވަނީ ވަރަށް ގާތް އެކުވެރިކަމެއް އޮންނަ ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް، ކަރީނާ ކަޕޫރު، މަލައިކާ އަރޯރާ، ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ ފަދަ ފަރާތްތައް ވެސް އިންސްޓަގްރާމްގައި އަންފޮލޯ ކޮށްފައެވެ.
މި ވަގުތު ކަރަންގެ އިންސްޓަގްރާމް އެކައުންޓުން ފޮލޯ ކުރަނީ އެންމެ 78 މީހުންނަށެވެ.
ކަރަން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ ހިއްސާވި "ޗާންދު މޭރާ ދިލް"އެވެ. އަނަންޔާ ޕާންޑޭ އަދި ލަކްޝް ލަލްވާނީ ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް ބެލުންތެރިންގެ ފަރާތުން މިހާތަނަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. މީގެ އިތުރުން، ކަރަންގެ މަޝްހޫރު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަ ވަނަ ސީޒަން މި އަހަރު ފަހުކޮޅު ފެށޭނެކަން ވެސް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.