އެންމެން އާޝޯޚުކުރުވި އޭދަފުށީގެ ޗާލު މިސްކިތް ބޭނުންކުރަން ފަށައިފި

މަސްޖިދުލް މުހައްމަދު އަލީ --- ފޮޓޯ/ އައިމާން ހަބީބް

ބ. އޭދަފުށީގައި, މިވަގުތު ރާއްޖޭގައި ހުންނާނެ އެންމެ ޗާލު، އެންމެ ރީތި މިސްކިތް މިއަދު ހުޅުވައިފިއެވެ.

މަސްޖިދުލް މުޙައްމަދު އަލީގެ ނަން ދީފައިވާ އެ މިސްކިތް މިއަދު ހުޅުވީ މިއަދު މަޣްރިބު ނަމާދާ ދިމާކޮށެވެ.

އޭދަފުށީ ޑޭޒީވިލާގެ، އުމުރުން 91 އަހަރުގެ މުޙައްމަދު އަލީގެ ޚަރަދުގައި ބިނާކުރި އެ މިސްކިތް ހުޅުވި ރަސްމިއްޔާތުގައި އޭނާގެ އާއިލާގެ އިތުރަށް އޭދަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މަސްޖިދުލް މުހައްމަދު އަލީ --- ފޮޓޯ/ އައިމާން ހަބީބް

މީގެ ހަތަރު ކުރިން އަމަލީ މަސައްކަތް ފަށައި، ނިންމައި، މިއަދު ބޭނުންކުރަން ފެށި އެ މިސްކިތުގެ ޑިޒައިން ރާއްޖޭގައި ހުރި ފަހުގެ އެހެން މިސްކިތްތަކާ ވަރަށް ތަފާތެވެ. ގިނަ ބަޔަކަށް އެ މިސްކިތް ކަމުދިޔައީ ރާއްޖޭން އާންމުކޮށް ނުފެންނަ ހިތްގައިމު އިސްލާމީ ޑިޒައިންތައް މި މިސްކިތުން ފެނުމުންނެވެ.

މިގޮތުން، މިސްކިތުގެ ޑިޒައިން ފަރުމާކޮށްފައި ވަނީ އޮމާނާއި އުޒްބެކިސްތާނާއި ތުރުކީ އަދި ސައުދީ އަރަބިއާގެ މިސްކިތްތަކުގެ އަސްލަށް ބަލައިގެނެވެ. އެ ޑިޒައިންތަކާ އެއްގޮތްވާ ގޮތަށް މިސްކިތުގެ ޑިޒައިން ކުރެހީ ތުރުކީއާއި އިރާނުގެ ޓީމެކެވެ.

މަސްޖިދުލް މުހައްމަދު އަލީ: މި މިސްކިތް ފަރުމާކޮށްފައި ވަނީ އޮމާނާއި އުސްބެކިސްތާނާއި ސައުދީ އަދި ތުރުކީގެ މިސްކިތްތައް އަސްލަކަށް ބަލައިގެން ---- ފޮޓޯ/ އައިމާން ހަބީބް

ދެ ފަންގިފިލާއަށް އިމާރަތްކޮށްފައިވާ މުޙައްމަދު އަލީގައި 1،200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.

އެ މިސްކިތް ހުޅުވުމާ ގުޅިގެން އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު "ސަން"އަށް ވިދާޅުވީ، އެ މިސްކިތަކީ މުޅި ރާއްޖޭގައި ހުޅުވި އެންމެ ރީތި މިސްކިތަށް ވާނެ ކަމަށެވެ.

މަސްޖިދުލް މުޙައްމަދު އަލީ --- ފޮޓޯ/ އައިމާން ހަބީބް

"މިވަރުގެ ބޮޑު އެސެޓެއް އަޅުގަނޑުމެނަށް، މިހައި ރީތި މިސްކިތެއް އޭދަފުށީ ރައްޔިތުންނަށް ހަދިޔާކޮށްދެއްވިކަމަށް ޓަކައި އޭދަފުށީގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ހަމަ މުޙައްމަދު އަލީއަށާއި މުޙައްމަދު އަލީގެ އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

މި މިސްކިތުގައި ހުރި ރީތި ޑިޒައިންތަކުގެ ސަބަބުން ގިނަ ބަޔަކު މިފަހުން އަންނަނީ މިސްކިތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކުރަމުންނެވެ.

comment ކޮމެންޓް