ބޭސް ނުލިބުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ދާއިމީކޮށް ބޭސް ބޭނުންކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލަނީ

ފާމަސިސްޓަކު ބޭސް ނަގައި ދެނީ: --ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލަން ނިންމާފައިވަނީ އެ މީހުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ކަމަށެވެ.

އެގޮތުން އަންނަ އޭޕްރީލު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނ އަދި ށ.އަތޮޅުގެ ރަށްތަކުގައި އެ ރަޖިސްޓްރީ އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެހެން އަތޮޅުތަކުގައިވެސް ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ޚިދުމަތް ތަންފީޒު ކުރުމަށްޓަކައި ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލްޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އަދި ބޭނުންވާ ބޭހުގެ ލިސްޓާއި ބަލީގެ ޓެސްޓްތައް ހަދާ، ކޮންޓިނިއު ކުރެވޭނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މިކަން ކުރަން ނިންމާފައި މިވަނީ އާއްމުކޮށް ބޭނުން ކުރާ ގިނަ ބޭސްތަކެއް ހިމެނޭގޮތަށް ވަރަށް ގިނަ ބޭސްތަކެއް ރާއްޖޭން މިހާރު ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އެހެންވެ އެސްޓީއޯ މެދުވެރިކޮށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް