އެއް ދުވަހުގެ ތެރޭގައި ޣައްޒާގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލި ވަރުގަދަ ވައިގެ ހަމަލާތަކަކީ ހަމައެކަނި ފެށުމެއް ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ އެގޮތަށް ވިދާޅުވީ އިއްޔެ ޓީވީން ދެއްވި ޚިތާބެއްގައެވެ. އޭނާ ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ޣައްޒާއަށް ހަމަލާދޭނީ އަސްކަރީ ބާރު އިތުރުކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ބާރުގަދަކަން ވޭތުވެދިޔަ 24 ގަޑިއިރުވެސް ހަމާސްއަށް އިހުސާސް ކުރެވޭނެ. މިއީ އަދި ފެށުން. ހަނގުރާމައިގެ ހުރިހާ އަމާޒުތަކެއް ހާސިލް ކުރުމަށް ހަނގުރާމަ ކުރަމުން ގެންދާނަން. އަހަރެމެންގެ ހުރިހާ ރަހީނުން އަނބުރާ ގެނައުމާއި، ހަމާސް ނައްތާލުމަށާއި، ޣައްޒާއިން އިސްރާއީލަށް ދެން ނުރައްކަލެއް ނުކުރެވޭ ވަރަށް ހަމަލާދޭނަން." ނަތަންޔާހޫ ވިދާޅުވިއެވެ.
އިއްޔެ އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 404 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އެ ހަމަލާތަކުގައި 560އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
ހަމަލާތައް އަމާޒުކޮށްފައިވަނީ ޚާން ޔޫނިސްއަށާއި ރަފަހް ސިޓީއަށާއި ދީރް އަލް ބަލާހްގެ ސަރަހައްދުތަކަށެވެ.
އިސްރާއިލާއި ހަމާސްއިން ޤަތަރާއި މިސްރާއި އެމެރިކާ މެދުވެރިވެގެން ކުރި މަޝްވަރާތަކަށްފަހު، ހަމަލާތައް މެދުކަނޑާލުމަށް މިދިޔަ ޖަނަވަރީ މަހު 19 ވަނަ ދުވަހު އެއްބަސްވިއެވެ.
އެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އަސީރުން މިނިވަންކުރުމަށްފަހު، އެ މަރުހަލާގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ މެދުތެރެއަށް އިތުރު ކުރުމަށް އިސްރާއީލުން ވަނީ އެދިފައެވެ.
އިސްރާއީލުން އައު ޝަރުތުތައް ހުށަހެޅީ އެއްބަސްވުމާ ޚިލާފަށް ކަމުން ދެ ވަނަ މަރުހަލާގެ މަޝްވަރާތައް ކުރުން ވެސް ވަނީ ހުއްޓާލާފައެވެ.
ދެވަނަ މަރުހަލާގެ ދަށުން ހަމާސްއިން ރަހީނުކޮށްފައިވާ 60 އަސީރުން ދޫކޮށްލައި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރަން ވަނީ ހަމަޖެހިފައެވެ.
ހަ ހަފުތާގެ މުއްދަތަކަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ފަލަސްތީނުގެ 2،000 ގައިދީންގެ ބަދަލުގައި ހަމާސްއިން ވަނީ ގާތްގަނޑަކަށް 36 އަސީރުން މިނިވަންކޮށްފައެވެ.