މުދަލާއި ޚިދުމަތުގެ ކޮމަން ފަންޑް (ސީއެފްސީ)ން އަންހެނުންނަށް ޚާއްސަކޮށް، ދަނޑުވެރިކަމާއި އެހެން ދާއިރާތަކުން މާލީ އެހީ ދޭން ހުޅުވައިލައިފިއެވެ.
މިކަމާ ގުޅިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެމެހެއްޓެނިވި ދަނޑުވެރިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސީއެފްސީން ދޫކުރާ މި އެހީގެ ޕްރޮޕޯސަލްތައް މިހާރު ބަލައިގަންނަން ފަށާފައި ވާކަމަށެވެ.
އެ ފުރުސަތު ޚާއްސަކޮށް އަމާޒުކުރެވިފައިވާ ގައުމުތައް:
- އެންމެ ކުރިއަރާފައިނުވާ ޤައުމުތައް
- ކަނޑުން ބަންދުވެފައިވާ، ތަރައްގީވަމުންދާ ގައުމުތައް
- ކުދި ޖަޒީރާ، ތަރައްގީވަމުންދާ ގައުމުތަކަށް
އެގޮތުން ސީއެފްސީން ފައިސާދޫކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ އާ އީޖާދުތަކަށް
- ދެމެހެއްޓެނިވި ދަނޑުވެރިކަން (އެގްރޯފޮރެސްޓްރީ، އީކޯލޮޖީ)
- އިޔާދަކުރަނިވި ހަކަތަ
- ޑިޖިޓަލް ދަނޑުވެރިކަން
- މޫސުމާ ރައްޓެހި އުސޫލުތައް ކުރިއެރުވުމަށް
- ބްލޮކްޗެއިން ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކުއިޓީ ކަށަވަރުކުރުމަށް
ވަޒީރު ވިދާޅުވީ ސީއެފްސީއިން ފައިސާ ފޯރުކޮށްދެވޭނީ ކެޕިޓަލް ޚަރަދުތަކަށާއި، މަސައްކަތު ރައުސްމާލު ނުވަތަ ވިޔަފާރީގެ ފައިނޭންސް ގޮތުގައި ކުދި ދަނޑުވެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެެވެ.
އެގޮތުން ހުށަހަޅާ ޕްރޮޖެކްޓުތަކަކީ މާލީގޮތުން ދެމެހެއްޓެނިވި، އިގްތިޞާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ޕްރޮޖެކްޓް ތަކަކަށް ވާންޖެހޭނެ ކަމަށް ވަޒީރުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ވަޒީރު ވަނީ އަންހެން ވިޔަފާރިވެރިންނަށް މި ފުރުސަތުގައި ޚާއްސަ އިސްކަމެއް ދެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި ޑިޖިޓަލް އަދި ގްރީން ޓްރާންސިޝަންއަށް ބާރުއެޅުމަކީ ސީއެފްސީގެ މައިގަނޑު އަމާޒު ކަން ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ލޯނަށް ކުރިމަތިލުމަށްޓަކައި ލޯނަށް ޝަރުތުހަމަވާ ފަރާތްތަކުން އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
މި ލޯނުތަކާ ބެހޭ އިތުރު މައުލޫމާތު މި ލިންކު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.