އިސްރާއީލުން ޣައްޒާއަށް ދޭންފަށާފައިވާ ހަމަލާތައް ކުށްވެރިކޮށް، އެކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުތަކަށް ރާއްޖެއިން ގޮވައިލައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ އެ ހަމަލާތަކުގެ ސަބަބުން މައުސޫމް ކުޑަކުދިން ހިމެނޭ ގޮތަށް، 400އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައި ވާކަމަށެވެ.
އަދި ޚާއްސަކޮށް ރަމަޟާން މަހުގެ މުގައްދަސް ދުވަސްވަރު ދީފައިވާ އެ ހަމަލާއަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި، ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ވެސް ޚިލާފު އަމަލެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިތުރަށް ގޯސްވަމުންދާ ޣައްޒާގެ މި ހާލަތު ހުއްޓުވައި، މައުސޫމު ރައްޔިތުން ހިމާޔަތްކޮށް، އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުތަކަށް ރާއްޖެއިން ގޮވާލައިފާވެއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި 61,700އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ނަތަންޔާހޫ ޝައުގުވެރިނުވާ ކަމަށް ހަމާސްއިން މީގެކުރިން ވެސް ވަނީ ތުހުމަތުކޮށްފައެވެ.