ގަބުރުތައް ނަގައި ހުސްކޮށްގެން މާފަންނު ސަހަރާގައި ބައިބަލާ ކޯޓެއް ހެދުމުން އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމާ ގުޅިގެން އެތަން ހުސްކޮށް, ކުޅިވަރު ކުޅުމަށް ނުދޭން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެތަން ހުސްކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއިރު ކައުންސިލުން ވަނީ އެ މަސައްކަތް ދެ މަހާއި 15 ވަރަކަށް ދުވަސް ތެރޭގައި ނިމޭނެ ކަމަށް ބުނެފައެވެ.
އެތަނުގައި ގަބުރުތައް ނަގައިގެން، ބައިބަލާ ކޯޓެއް ހަދާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފޮޓޯއާ އެއްކޮށް އެކަން އިއްޔެ ހާމަކުރީ ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހެވެ.
އެ ފޮޓޯއިން ވަށައިގެން ވެލި ބަސްތާ ޖަހަގައިގެން ބައިބަލާ ކުޅެެން ޚާއްސަކޮށް ކޯޓެއް ހަދާފައިވާ މަންޒަރު ފެނެއެވެ. އެކަމާ ގުޅުވައި ގިނަ ބަޔަކު އައީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން މިއަދު "ސަން"އިން ސުވާލުކުރުމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހެދުމަށް ހުއްދައެއް ނުދޭ ކަމަށެވެ. އެގޮތުން، އެކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައި ހިސާބުން ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހެދުން ހުއްޓުވާފައިވާ ކަން މޭޔަރު ފާހަގަކުރެއްވިއެވެ،
އަޅުގަނޑު ހުއްދައެއް ނުދެން އަދި އެކަން ކުރާކަށް. އަޅުގަނޑުމެނަށް އެކަން [ސަހަރާގައި ބައިބަލާ ކޯޓެއް ހަދާކަން] އެނގުނީމަ ހުއްޓުވާފައި ވާނީ
ނަމަވެސް، އިއްޔެ މޭޔަރު އާޒިމް "ސަން"އަށް ވިދާޅުވީ، ބައިބަލާ ކުޅުމަށް އެ ބިމުން ބަޔެއް ދިނީ، ފިތުރު އީދުގައި އޮންނަ ބައިބަލާ މުބާރާތަށް ތައްޔާރުވާ ބަޔަކަށް ކަމަށެވެ. އަދި އެ ބިމުން ބަޔެއް ވަގުތީ ގޮތުން އެކަމަށް ދޭން ސިޓީ ކައުންސިލުން ނިންމީ މާފަންނުގައި ބައިބަލާ ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން، އެ ބިން ދާއިމީކޮށް ތަރައްގީ ކުރާނެ ގޮތަކީ، ކުރިން ވެސް ކައުންސިލުން ހާމަކޮށްފައިވާ ގޮތަށް، މީހުންނަށް ހިތްހަމަޖައްސަން ދެވޭ ފަދަ ފެހި ތަނެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
މާފަންނު ސަހަރާ ހުސްކުރުމާ ގުޅޭ ގޮތުން މީގެ ކުރިން "ސަން"އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ އެ ބިމުގެ 60-70 ޕަސެންޓު ހަދާނީ މީހުން ހިތްހަމަޖައްސަން ދެވޭ ތަނަކަށް ކަމަށެވެ. ބާކީ ބިމުގައި ޕާކިން ސަރަހައްދަކާއި ކިއޮސްކްތައް ބެހެއްޓޭނެ ޖާގަ ވެސް ހަދާނެ ކަމަށް ވިދާޅުވެފައެވެ.
އެ ސަހަރާގެ ހުޅަނގު ފަރާތުގައި މިހާރުވެސް ޕާކިން އޭރިއާއެއް ހަދާފައި އޮވެއެވެ.
ސަހަރާގައި ހުރި ގަބުރުތައް ނަގައިގެން އެތަން ހުސްކުރާތީ، ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުންނާއި އާންމުން ވެސް މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.