ގަބުރުތައް ނެގި މާފަންނު ސަހަރާގެ ބައެއް ބައިބަލާ ކުޅެން ޚާއްސަކޮށްފި

މާފަންނު ސަހަރާގައި ބައިބަލާ ކުޅެން ރިންގެއް ހަދައިފައި: އެކަމާ ގުޅޭ ގޮތުން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ ނާޖިހު ދީދީ

ގަބުރުތައް ނަގައި ހުސްކޮށްފައިވާ، މާފަންނު ސަހަރާގައި ވަގުތީ ގޮތުން ބައިބަލާ ކުޅޭ ތަނެއް ހަދައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެތަން ހުސްކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއިރު ކައުންސިލުން ވަނީ އެ މަސައްކަތް ދެ މަހާއި 15 ވަރަކަށް ދުވަސް ތެރޭގައި ނިމޭނެ ކަމަށް ބުނެފައެވެ.

ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ބިމުގައި ބައިބަލާ ކުޅެން ތައްޔާރުކޮށްފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މާ ރަމަޟާން ރޯދަމަހު މާފަންނު ސަހަރާގައި ހުރި އަހަރެމެންގެ ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ޤަދަރެއް އިޙްތިރާމެއް ނެތި ނަގާ އެއްލާލާފައި އެތަނުގައި މޭޔަރު އާދަމް އާޒިމްމެން މި ހަދަނީ ބައިބަލާ ކުޅޭ މައިދާނެއް! ހަލާކުހުރި!" އޭނާ ލިޔެފައިވެއެވެ.

ހައިރައިޒް ކުންފުނީގެ އިސްމާއީލް ހަމީދް (ހައިރައިޒް އިއްސެ) ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސަހަރާ ބިމުގައި ބައިބަލާ ކުޅޭ ތަނެއް ހެދުމަކީ ކުރަންވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ކައުންސިލަކުން ކުރިޔަސް ސަރުކާރުން ކުރިޔަސް، ކޮންމެ ޕާޓީ އެއްގެ ބަޔަކު ކުރިޔަސް އެހާ ރަގަނޅު ކަމެއްހެނެއް ހިޔެއް ނުވޭ. ގޯހެއް ވިއްޔާ ގޯސް." އޭނާ ބުންޏެވެ.

އެ ކަމާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އިސްލާމް ދީނުގައިވާ ގޮތުގެ މަތިން ސަހަރާއިން ގަބުރުތައް ނަގައި މިހާރު އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ބައިބަލާ ކުޅުމަށް އެ ބިމުން ބަޔެއް ދިނީ، ފިތުރު އީދުގައި އޮންނަ ބައިބަލާ މުބާރާތަށް ތައްޔާރުވާ ބަޔަކަށް ކަމަށެވެ. އަދި އެ ބިމުން ބަޔެއް ވަގުތީ ގޮތުން އެކަމަށް ދޭން ސިޓީ ކައުންސިލުން ނިންމީ މާފަންނުގައި ބައިބަލާ ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ ބިން ދާއިމީކޮށް ތަރައްގީ ކުރާނެ ގޮތަކީ، ކުރިން ވެސް ކައުންސިލުން ހާމަކޮށްފައިވާ ގޮތަށް، މީހުންނަށް ހިތްހަމަޖައްސަން ދެވޭ ފަދަ ފެހި ތަނެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

މާފަންނު ސަހަރާ ހުސްކުރުމާ ގުޅޭ ގޮތުން މީގެ ކުރިން "ސަން"އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ އެ ބިމުގެ 60-70 ޕަސެންޓު ހަދާނީ މީހުން ހިތްހަމަޖައްސަން ދެވޭ ތަނަކަށް ކަމަށެވެ. ބާކީ ބިމުގައި ޕާކިން ސަރަހައްދަކާއި ކިއޮސްކްތައް ބެހެއްޓޭނެ ޖާގަ ވެސް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

އެ ސަހަރާގެ ހުޅަނގު ފަރާތުގައި މިހާރުވެސް ޕާކިން އޭރިއާއެއް ހަދާފައި އޮވެއެވެ.

ސަހަރާގައި ހުރި ގަބުރުތައް ނަގައިގެން އެތަން ހުސްކުރާތީ، ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުންނާއި އާންމުން ވެސް މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް