މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތް ދެއްކި އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު 81 އިންސައްތަ އިތުރުވެފައި ވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިން ވަނީ 2021އިން ފެށިގެން މި އަހަރާ ހަމައަށް، ކޮންމެ ރޯދަމަހެއްގެ ފުރަތަމަ 10 ދުވަހު އޮންލައިންކޮށާއި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ބަލައިގެންފައިވާ ޒަކާތުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
އެގޮތުން މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ދައްކާފައިވާ އަދަދު ވަނީ 2.91 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ދައްކާފައިވާ 1.60 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 1.31 މިލިއަން ރުފިޔާ ނުވަތަ 81.98 އިންސައްތައިގެ އިތުރުވުމެކެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އެ މުއްދަތުގައި ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ 1.39 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު އެ މުއްދަތުގައި 1.09 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައި ވާއިރު 2021 ވަނަ އަހަރު ދައްކާފައި ވަނީ 977،301 ރުފިޔާއެވެ.
ޒަކާތު ހައުސްއިން ވަނީ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، މިމަހުގެ 27 ވަނަ ދުވަސް ކަމަށްވާ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކަމަށް ބުނެފައެވެ.
އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ:
- ދިރާގު: އެޕް / ދިރާގު ޕޭ ވެބްސައިޓް މެދުވެރިކޮށް
- އުރީދޫ: އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް
- މޯލްޑިވްސް އިސްލާމިކު ބޭންކު: ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން މެދުވެރިކޮށް
- ބޭންކް އޮފް މޯލްޑިވްސް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) މެދުވެރިކޮށް
- ފަހިޕޭ: ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް
- މިނިސްޓްރީ އޮފް ފިނޭންސް: ބަނޑޭރި ޕޭ ވެބްސައިޓު ނުވަތަ ޕޯޓަލް މެދުވެރިކޮށް