ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

ފިތުރު ޒަކާތް ބަލައިގަތުން: ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ --- ފޮޓޯ/ ޒަކާތު ހައުސް

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މި ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ، ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ޒަކާތު ހައުސްއިން ބުނީ މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު)ގައި ކަަމަށެވެ. އެގޮތުން ގޮވާމުން ފިތުރު ޒަކާތް ދެއްކުމަށް ދާ މީހުން ކުރީގެ ދަރުމަވަންތަ ސްކޫލުގެ މައި ގޭޓު ބޭނުންކުރުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13:00އިން ފެށިގެން 16:00އަށެވެ.

ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުން ރޯދަމަހުގެ ފުރަތަމަ ދުވަހު ފަށައިފައިވާއިރު، މި މަހު 27ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ޒަކާތް ބަލައިގަންނާނެއެވެ.

comment ކޮމެންޓް