ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ

މޯލްޑިވްސް އިސްލާމިކް ބޭންކު--- ސަން ފޮޓޯ

ރޯދަ މަހުގެ ފަހު ދިހައެއްގެ ތިން ދުވަހެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ހުޅުވަން ނިންމައިފިއެވެ.

ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް މިއަހަރު ވެސް ވަނީ ނިންމާފައެވެ.

އެހެންކަމުން އެ ބޭންކުން ވަނީ ރޯދަ މަހުގެ ފަހު ދިހައެއްގައި ބޭންކު ހުޅުވާނެ ދުވަސްތަކެއް ކަނޑައަޅައިފައެވެ. އެ ބޭންކުން ބުނީ، މިމަހުގެ 20ވަނަ ދުވަހާއި 27 އަދި 29ވަނަ ދުވަހު އެ ބޭންކު ހުޅުވާނެ ކަމަށެވެ.

އެ ތިން ދުވަހު އެމްއައިބީން ޚިދުމަތް ދޭނީ ހެނދުނު 9:30އިން މެންދުރު 14:00ގެ ނިޔަލަށެވެ. އަދި، އެ ދުވަސްތަކުގައި ބޭންކަށް ގޮސްގެން ވެސް ކަސްޓަމަރުންނަށް ޚިދުމަތް ހޯދޭނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ.

އެމްއައިބީއަކީ އެބޭންކުގެ ހުރިހާ ޚިދުމަތެއް ބޭންކަށް ނުގޮސް ހޯދޭ ބެންކަކަށް ވާއިރު، ބޭންކުގެ ފައިސާ ނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބެއެވެ.

މިގޮތުން، އެބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާއިން މުސާރަ ޖަމާކުރެވޭއިރު، އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ވެސް ކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ބޭންކިންގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭން ފެށީ އެމްއައިބީއެވެ. އެބޭންކަކީ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ރައްކާތެރިކަމާ މެދު ދިވެހީންގެ އިތުބާރު ލިބިފައިވާ ބޭންކެއް ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

comment ކޮމެންޓް