ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އާ ހޯމް ފައިނޭންސިން ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.
އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާ އެކު ތައާރަފުކުރި މި ފެސިލިޓީއަކީ ރާއްޖޭގައި މި ވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބޭނެއެވެ.
"މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިޤުތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
"ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއް,"
މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށް ވެސް ބަލާނެއެވެ.
މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ އަކަށެވެ.
ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް މި ފައިނޭންސިން ފެސިލިޓީ ދޫކުރާނެއެވެ. އެހެންވެ، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚުތިޔާރުކުރާ ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.
ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.