ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީ ތިން އަންހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، ދެމީހަކު ޑީޕޯޓުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭގެތެރެއިން ދެމީހަކު މިހާރު ޑީޕޯޓު ކޮށްފައިވާއިރު، އަނެއް ބިދޭސީ މީހާ ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިމީހުން ރާއްޖޭގައި އުޅެނީ ވޯކް ވިސާގެ ދަށުންނެވެ.
މި މީހުންގެ ތެރެއިން 44 އަހަރުގެ ވިއެޓްނާމަށް ނިސްބަތްވާ ތި މިންހް ވޫ ޑީޕޯޓުކޮށްފައި ވަނީ މިދިޔަ މަހު 28ގައެވެ. އަދި 38 އަހަރުގެ ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ތިހަންގް ޑައޯ ޑީޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އިމިގްރޭޝަނުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ލައޮސްއަށް ނިސްބަތްވާ 37 އަހަރުގެ ސައުތިޑާ ޕިމައްސޯން ކިޔާ އަންހެނެކެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށައިފައެވެ.
އެ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން އަންނަނީ، މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީން ދޭތެރެއަކުން އިމިގްރޭޝަނުން އަތުލައިގަނެއެވެ.