އަންކަރާ (17 މާޗް 2025): ޔޫރަޕްގެ ގައުމުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ފިލާވަޅު ދެވޭވަރަށް ވުރެ މާ މުނާފިގު އަދި ދެފުށް ދެގޮތް ގައުމުތަކެއް ކަމަށް ތުރުކީވިލާތުން ސިފަކޮށްފިއެވެ.
ޔޫރަޕަށް ރައްދު ދެއްވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ މުސްތަޝާރު މުހައްމަދު އުކޫމް ވިދާޅުވީ ޔޫރަޕަކީ މިހާރު "ބަލި މީހެއް" ކަމުގައެވެ. އަދި ޔޫރަޕްގެ ގައުުމުތަކަކީ ބޮޑެތި ބިޔަ ބާރުތައް ޑޮމިނޭޓްކުރާ ދުނިޔޭގެ ޖިއޮޕޮލިޓިކްސްގައި ޖާގަ ލިބޭވަރަށް ވުރެ މާ ކުދި ގައުމުތަކެއް ކަމުގައެވެ.
ތުރުކީގެ މަސްއޫލުވެރިޔާ "އެކްސް" ގައި މިމޭރުމުން ޔޫރަޕްގެ ގައުމުތަކަށް ރައްދު ދެއްވީ ތުރުކީއާ ބެހޭގޮތުން ޔޫރަޕިއަން ޕާލަމެންޓުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. މި ރިޕޯޓްގައި ތުރުކީގެ އިންސާނީ ހައްގުތަކަށާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަންފަދަ ތުރުކީގެ ބައެއް ސިޔާސަތުތަކަށް ޔޫރަޕުންވަނީ ފާޑުކިޔާފައެވެ.
މި ރިޕޯޓަށް ރައްދު ދެއްވަމުން އުރުދުޣާންގެ މުސްތަޝާރު މުހައްމަދު އުކޫމް ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަކީ އެއިއްތިހާދުން ގަބޫލުކޮށް ޕްރޮމޯޓްކުރާ ކަންކަން ވެސް ތަންފީޒު ނުކުރެވޭ ގައުމުތަކެއް ކަމުގައެވެ.
"ޔޫރަޕްގެ އިއްތިޙާދުން އިންސާނީ ހައްގުތަކަށާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޕްރޮމޯޓްކުރާއިރު ޣައްޒާފަދަ ތަންތަނުގައި އާދަޔަ ޚިލާފަށް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާއިރު ޔޫރަޕުން ފެންނަނީ އެކަމާ އަޅާނުލައި ދެފުށްދެގޮތްކަމާއި މުނާފިގުކަން" އުކޫމް ވިދާޅުވިއެވެ.
"ޣައްޒާގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް (އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް) ޔޫރަޕްގެ ގައުމުތަކުގައި މުޒާހަރާކުރުމުން ޔޫރަޕްގެ ސަރުކާރުތަކުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލައި އިންސާނީ ހައްގުތަކަށް ގޮވާލާ ފަރާތްތައް ހައްޔަރުކޮށް އެމީހުންގެ އަޑު ކަނޑުވާލާފައި" އުކޫމް ވިދާޅުވިއެވެ.
އުކޫމް ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ތުރުކީފަދަ ގައުމުތަކަށް ދަރުސް ދެވޭވަރުގެ ފަރާތެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި އެތެރޭގެ ޕޮލިޓިކްސްއަށް ބަލާއިރުވެސް ޔޫރަޕްގެ އިއްތިހާދުގެ ހާލަތު ހުރީ މިގޮތަށެވެ. ޔޫރަޕްގެ އެތަށް ގައުމަކުން ގެންދަނީ އެގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް އަޑުއުފުލައި ކުރާ މުޒާހަރާތަކުގެ އަޑުނާހައި އެމުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މުޒާހަރާތަކުގެ އެކްޓިވިސްޓުން ހައްޔަރު ކުރަމުންނެވެ. މީގެ ހެއްކަކަށް ފަރަންސޭސިވިލާތް ފުދޭކަމުގައެވެ.
ފަރަންސޭސި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ޔެލޯވެސްޓް މޫމެންޓްގެ މުޒާހަރާތަކާ ދެކޮޅަށް ފަރަންސޭސި ސަރުކާރުން އިންތިހާއަށް ބާރުގެ ބޭނުންކޮށް އެކްޓިވިސްޓުން ހައްޔަރުކޮށް އެހަރަކާތް ފުނޑާލިއިރު ޔޫރަޕްގެ އިއްތިހާދު އޮތީ ކޮންތާކުތޯ މުހައްމަދު އުކޫމް ސުވާލު އުފެއްދެވިއެވެ.
މީގެއިތުރުން ޔޫރަޕްގައިވަނީ ބޭރުމީހުންނަށް ނަފްރަތު ކުރުމާއި ނަސްލީ އިމްތިޔާޒާ އަދި އިސްލާމް ފޯބިއާ ވަރަށް ބޮޑަށް ފެތުރިފައި ކަމަށް ވިދާޅުވަމުން އުރުދުޣާންގެ މުސްތަޝާރު މުހައްމަދު އުކޫމް ވަނީ އެހެން ގައުތަކަށް ފިލާވަޅު ދިނުމުގެ ބަދަލުގައި ޔޫރަޕް އަމިއްލައަށް އިސްލާހުވާން ޖެހޭކަމަށް ވިދާޅުވެ ޔޫރަޕަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.