ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑް ފިލްމު "ޖަބް ވީ މެޓް"ގެ ސީކުއަލްއެއް އުފެއްދުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އިމްތިއާޒު އަލީ ބުނެފިއެވެ.
އިމްތިއާޒު މިހެން ބުނެފައި ވަނީ "ޖަބް ވީ މެޓް"ގެ އެކްޓަރު ޝާހިދު ކަޕޫރު އެ ފިލްމުގެ ސީކުއަލްއެއް އުފައްދާނަމަ އެ ކަމަށް މަރުހަބާ ކިޔާނެކަމަށް ބުނެފައި ވަނިކޮށެވެ.
ޝާހިދާއާއި ކަރީނާ ކަޕޫރު ލީޑް ރޯލް ކުޅުނު މި ފިލްމަށްފަހު ދެ ތަރިން އެކީގައި މިހާތަނަށް ސްކްރީނުން ފެނިފައިނުވެއެވެ. މި ފިލްމަށްފަހު ދެ ތަރިންގެ ލޯބީގެ ގުޅުމުގައި ވެސް ސިއްކަ ޖެހުނުއިރު ބޮލީވުޑްގެ ހަފްލާތަކުން ވެސް ދެ ތަރިން އެކީގައި ފެނިފައި ވަނީ ވަރަށް މަދު ފަހަރެއްގައެވެ.
ދާދިފަހުން ބޭއްވި އައިފާ އެވޯޑު ޝޯގެ އިވެންޓެއްގައި ކަރީނާ އާއި ޝާހިދު އެއް ސްޓޭޖެއް މަތީ ވަރަށް އެކުވެރިކޮށް އުޅުނު މަންޒަރާ އެކު މީޑިއާގެ އިތުރުން ބެލުންތެރިންގެ ސަމާލުކަން އެ ވަގުތުކޮޅަށް ލިބި ވަރަށް ގިނަ ބަޔަކަށް އުފާވެރިކަން ގެނުވިއެވެ.

ފިލްމު "ޖަބް ވީ މެޓް"ގެ ޑައިރެކްޓަރު އިމްތިޔާޒު އަލީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މުޅި ސޯޝަލް މީޑިއާގައި "ޖަބް ވީ މެޓް"ގެ ގީތު އާއި އަދިތިޔަގެ ރީޔުނިއަންއާއެކު "ޖަބް ވީ މެޓް"ގެ ހަނދާންތައް އާކޮށްދީފި ކަމަށް ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ކަރީނާ އާއި ޝާހިދު އެކުވެރިކޮށް އުޅުނު މަންޒަރު ފެނި ފިލްމު "ޖަބް ވީ މެޓް"ގެ ސީކުއަލްއެއް ވުޖޫދަށް އައިސްދާނެތޯ ވަރަށް ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
ނަމަވެސް ޑައިރެކްޓަރު އިމްތިޔާޒު ބުނެފައި ވަނީ އޭނާގެ ފިލްމުތަކުގެ ސީކުއަލްތައް އުފެއްދުމަކީ އެހާ ޝައުގުވެރިވާ ކަމެއް ނޫން ކަމަށާއި ފިލްމެއްގެ ސީކުއަލްއެއް އުފައްދާނީ އެއީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށް ގަބޫލުކުރެވިއްޖެނަމަ ކަމަށެވެ.
ފިލްމު "ޖަބް ވީ މެޓް"ގެ ވާހަކަ ނިމިފައި އޮތް ގޮތުން އެންމެ ރަނގަޅު ގޮތަކީ އެ ވާހަކަ އެ އޮތްގޮތަށް ބޭއްވުން ކަމަށާއި ސީކުއަލްއަކަށް އިންތިޒާރުކުރާ ބެލުންތެރިންނަށް ތަކުރާރުކޮށް އޮރިޖިނަލް ފިލްމު ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް އިމްތިޔާޒު ވަނީ ބުނެފައެވެ.