ކުވައިތުގައި ސަލާންޖަހާ ބޭރު މީހުން ޑީޕޯޓްކުރަނީ

ކުވައިތުގެ ބާޒާރެއް

ކުވައިތު ސިޓީ (16 މާޗް 2025): ކުވައިތުގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުން މަގުމަތީގައި ސަލާމް ޖަހައިގެން ފައިސާ ހޯދުމުގެ ޣައިރު ގާނޫނީ މައްސަލަ އެގައުމުގައި ބޮޑުވަމުންދާތީ މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ސަލާން ޖަހާމީހުން އެމީހުން ނިސްބަތްވާ ގައުމުތަކަށް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ކުވައިތު ސަރުކާރުން ހާމަކޮށްފިއެވެ.

ކުވައިތުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ކުވައިތުގައި ސަލާން ޖެހުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ނަމަވެސް ރަމަޟާން މަހު މިސްކިތްތަކާއި ބާޒާރުތަކުގައި ބޭރު ގައުމުތަކުގެ މީހުން ސަލާންޖެހުމުގެ އަމަލުތައް ވަރަށް ގިނައިން ހިންގަމުން ގެންދާތީ މިކަން އިޖުތިމާއީ އުނދަގުލަކަށް ވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ސަލާންޖަހާ މީހުން ހިފަހައްޓައި އެމީހުން ނިސްބަތްވާ ގައުމުތަކަށް ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށާއި މިހާތަނަށް 11 މީހަކު ޑީޕޯޓްކޮށްލާފައިވާނެކަމަށް ދާޚިލީ ވުޒާރާގެ ބަޔާން ބުނެއެވެ.

ކުވައިތުގެ ނޫސްތައް ބުނާގޮތުން ސަރުކާރުން މިގޮތަށް އަމަލުކުރަން ފެށީ ފަތުރުވެރިންގެ ގޮތުގައި ނުވަތަ ވިޒިޓް ވިސާގައި ކުވައިތަށް އައިސް ވަގުތީ ގޮތުން ދިރިއުޅޭ ބޭރު މީހުން މަގުތަކާއި އާންމު ތަންތަނުގައި ސަލާންޖެހުމުގެ މައްސަލަ މި ރޯދަމަހު އާދަޔާ ޚިލާފަށް ބޮޑުވެގެންނެވެ.

ވިޒިޓް ވިސާގައި އުޅޭ މީހުންގެ އިތުރުން ވޯކް ވިސާގައި ކުވައިތަށް އައިސް ދިރިއުޅޭ މީހުންގެ ތެރެއިން ވެސް ބައެއްމީހުން ރޯދަ މަހު މިސްކިތްތަކާއި ބާޒާރުތަކުގައި ސަލާންޖަހާ މައްސަލަ ބޮޑުވެފައިވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ވޯކް ވިސާގައި ކުވައިތަށް އައިސް ދިރިއުޅޭ މީހުން ސަލާން ޖަހާނަމަ އެމީހުން ގެ ޒިންމާ އުފުލަންޖެހޭ ސްޕޮންސަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވެސް ކުވައިތުގެ ދާޚިލީ ވުޒާރާގެ ބަޔާން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު