ވޮޝިންޓަން (16 މާޗް 2025): އެމެރިކާއިން ޔަމަނަށް ޓެރަރިސްޓް ހަމަލާތަކެއްދީ 31އަށް ވުރެގިނަ އާންމުން ޝަހީދުކޮށް ލައިފި ކަމަށް ހޫޘީ ޖަމާއަތުން ބުނެފިއެވެ. ޔަމަންގައި ވެރިކަންކުރާާ ހޫޘީން ބުނާގޮތުން އެމެރިކާގެ ޓެރަރިސްޓް ހަމަލާތަކުގައި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 31 މީހުން ޝަހީދުކޮށް 100އަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލިއެވެ.
ހޫޘީން ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔަމަނުގެ މަދަނީ ތަންތަނަށެވެ. މީހުންގެ ގެދޮރަށާއި ކަރަންޓް އުފައްދާ މަރުކަޒުތަކަށާއި ކާބޯތަކެތި ރައްކާކުރާ ގުދަން ތަކަށެވެ. އަދި ގިނައިން ޝަހީދުކޮށްލާފައި ވަނީވެސް ކުށެއްނެތް އާންމުންނެވެ. މީގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
އެމެރިކާއިން ޔަމަނަށް ޓެރަރިސްޓް ހަމަލާތައްދީ އާންމުން މަރަމުން ގެންދަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމާއި ޓެރަރިޒަމް އަމަލުތަކުގެ ދިފާއުގައި ކަމަށް މިކަމާ ބެހޭގޮތުން ހޫޘީން ނެރުނު ބަޔާނެއްގައި ބުނެއެވެ. އެމެރިކާއަކީ ޔަހޫދީ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ގައުމުކަމަށް ވެސް އެބަޔާނުގައިވަނީ ސިފަކޮށްފައެވެ. މީގެއިތުރުން ހޫޘީންގެ ބަޔާނުގައި އެމެރިކާ ސިފަކޮށްފައި ވަނީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައެވެ.
ހޫޘީންގެ ބަޔާނުގައި އެެމެރިކާގެ ޓެރަރިސްޓް ހަމަލާތަކަށް ޔަމަން ނުސިހޭނެކަމަށާ އެމެރިކާގެ މަސްލަހަތުތަކަށް ވަރުގަދަ ރައްދު ހަމަލާ ތަކެއް ދޭނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
އަދި ޔަމަނަށް ހަމަލާދީ އާންމުން މަރައިގެން އެމެރިކާއާއި އިސްރާއީލު ދެކެ ޔަމަން ބިރުގަންނާނެކަން އެމެރިކާގެ ރައީސަށް ހީވާނަމަ އެއީ އަވާމެންދުރެއްކަމަށާ ޣައްޒާގެ ދިފާއުގައި ޔަމަނުން ކުރާ ޖިހާދު އެމެރިކާއަށް ނުހުއްޓުވޭނެކަމަށް ވެސް ހޫޘީންގެ ބަޔާން ބުނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއް ބުނާގޮތުން ޔަމަނަށް ހަމަލާދިނީ އަރަބި ކަނޑުގައިވާ އެމެރިކާގެ އަސްކަރީ މަނަވަރަކުންނާއި ރަތްކަނޑުގައިވާ އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަކުންނެވެ. އެމަނަވަރުން ޔަމަނަށް މިސައިލުން ހަމަލާދޭ މަންޒަރުގެ ފޮޓޯތައް ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނުގައި ހިމަނާފައިވެއެވެ.
އެމެރިކާއިން ޔަމަނަށް އުދުވާނީ ހަމަލާތަކެއް ދީ އާންމުންގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައި މިވަނީ އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖެއްސުމަށްޓަކައި ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކުރަމުން ގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ރަތްކަނޑާއި އަރަބި ކަނޑުން ދަތުރުކުރާ އިސްރާއީލުގެ ބޯޓުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ހޫޘީން ދީފައި ވަނިކޮށެވެ. އިންޒާރު ދިންނަމަވެސް ޙޫޘީން އިސްރާއީލުގެ ބޯޓަކަށް ހަމަލާދިންކަން އަދި ހާމަވެފައެއް ނުވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް މިދިޔަ މަހުގެ ކުރީކޮޅު ހުއްޓާލުމުގެ ކުރިން ހޫޘީންގެ ގިނަ ހަމަލާތަކެއް އިސްރާއީލުގެ އާގުބޯޓުތަކަށާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޯޓުތަކަށް ދީފައިވެއެވެ. މީގެއިތުރުން އިސްރާއީލަށް މުދާ އުފުލުމުގައި ހަރަކާތްތެރިވާ އަދި އިސްރާއީލުގެ މަސްލަހަތު އޮންނަ އެހެން ގައުމުތަކުގެ ބޯޓުތަކަށް ވެސް ހޫޘީން ގިނަ ހަމަލާތައް ދީފައިވެއެވެ.
އެމެރިކާއިން ޔަމަނަށް ހަމަލާދީ އާންމުންގެ އެތަށް ބަޔަކު މަރާލުމާ ގުޅިގެން އެކަން ދިފާއުކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވާހަކަ ދައްކަވާފައެވެ. ޓްރަމްޕްގެ ވާހަކާގައި ހޫޘީންނަކީ އީރާނުގެ މަދަދު ލިބޭ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރެއްވިއެވެ. އަދި ހޫޘީ ޖަމާއަތް މުޅިން ނައްތާލައި އެމީހުން ނަރަކައަށް އެއްލާލާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
ޓްރަމްޕްގެ ވާހަކަތަކުގައި އިސްރާއީލާ އިދިކޮޅު ފަރާތްތަކަށް އިންޒާރު ދޭއިރު އޭނާގެ އިންޒާރުތަކަށް ބޯ ނުލަނބައިފިނަމަ އެފަރާތަކާ ދެކޮޅަށް ނަރަކައިގެ ދޮރުތައް ހުޅުވާލާނެކަމުގެ އިންޒާރު ދެއްވުމަކީ ވަރަށް އާންމު ކަމެކެވެ.
އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕްގެ އަމުރަށް އެމެރިކާއިން މިފަހަރު ހަމަލާދިނީ ޔަމަންގެ އެންމެ ސިޓީއަކަށް ނޫނެވެ. ވެރިރަށް ސަންއާގެ އިތުރުން މައުރަބު، ތައުޒް، ޒަމާރު އަދި ސައަދާއަށް ވެސް އެމެރިކާގެ ހަމަލާތައް އަމާޒުކުރިއެވެ. މި ހަމަލާތައް އަދިވެސް ކުރިޔަށްގެންދާނެކަމުގެ އިންޒާރު އެމެރިކާގެ މަސްއޫލުވެރިން ވަނީ ދެއްވާފައެވެ.