މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު އަރީޝް މިއަދު އިންތިޚާބުކޮށްފިއެވެ.
އަރީޝް މި މަގާމަށް އިންތިޚާބުކުރީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 188ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ކައުންސިލަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލެއްވީ ވެސް އަރީޝް އެކަންޏެވެ. އިންތިޚާބުގައި 16 ކައުންސިލަރުން ބައިވެރިވިއިރު، އެ ހުރިހާ މެންބަރުން ވެސް ވޯޓު ދިނީ އަރީޝް އެ މަގާމަށް ހޮވަން ފެންނަ ކަމަށެވެ.
އަރީޝް ސިޓީ ކައުންސިލަށް ހޮވިވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާއެކު އޭނާ ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް މި މަހުގެ 12ވަނަ ދުވަހު އެ ދެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ސޯޝަލް މީޑިއާގައި ނަރީޝް ހާމަކުރެއްވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން މަގާމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އޭނާއަށް ލިބިލެއްވުމުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިޚާބު ކޮށްފައިވަނީ ޖޫން 21، 2021ގައެވެ. އެ މަގާމަށް ނަރީޝްއާ އޭރު ވާދަކުރީ އެމްޑީޕީގެ ޓިކެޓުގައި މަންޗަންގޯޅީ މެދު ދާއިރާއަށް އިންތިޚާބުވި، މިހާރުގެ މަޖިލިސް މެންބަރު އަހުމަދު ޒަމީރެވެ. ނަރީޝަށް 12 ވޯޓް ލިބުނުއިރު އަހުމަދަށް ލިބުނީ ހަތް ވޯޓެވެ.
އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ.