'މާޖިލާ' އޭ ބުނުމުން އެއީ މީހެއްގެ ނަން ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް، މިއީ އާންމު ގޮތެއްގައި މ. އަތޮޅުގެ ރަށްތަކުގައި ރޯދަވީއްލުމަށް ތައްޔާރުކުރާ ކެއުމަކަށް ކިޔާ ނަމެކެވެ.
ބޭނުންވާނެ ތަކެތި
- 3 ޅަ ގަބުޅި
- 1 ގަނޑާއި ބައި ވަޅޯމަސް (ކުދިކޮށް ކޮށާފައި)
- 1 ގިތެޔޮ މިރުސް (ކޮށާފައި)
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- ދެ ހިކަނދި ފަތް
- އަސޭމިރުސް
- ލޮނު
- 1 ލުނބޯ
ތައްޔާރުކުރާނެ ގޮތް
ގަބުޅިތައް ބިނދެ، އޭގައި ހުރި ފެން ޖަގަކަށް އަޅައިލާށެވެ. އަދި ގަބުޅިތައް އުކުރައި، ބޯތައްޓަކަށް އަޅާށެވެ. އެ ބޯތަށީގައި ވަޅޯމަސް ވެސް ހިމުން ކޮށްލާށެވެ. އޭގެ އެއް ކައިރީގައި ފިޔައާއި މިރުހާއި ހިކަނދި ފަތް އެއްކޮށްލާށެވެ. އެއަށްފަހު ވަޅޯމަސްކޮޅާ އެއްކޮށްލާށެވެ.
އެއަށްފަހު ގަބުޅި ވީހާވެސް ކުދިކޮށް ހުންނަ ގޮތަށް ޗަސްކޮށްލާށެވެ. އަދި ކުރިން އެއްކުރި ވަޅޯމަހާ އެއްކޮށް މޮޑެލާށެވެ. މޮޑެމުންދާ ވަރަކަށް، ގަބުޅި ފެން ވެސް އެއްކުރަމުންދާށެވެ.
ދެން ރަހަލާ ވަރަށް ލޮނު އަޅައި، ލުނބޯ ހުތް ޖެއްސުމުން މާޖިލާ ތައްޔާރުކުރެވުނީއެވެ.
މިއީ އާންމު ގޮތެއްގައި ބަތްޕެނާއެކު ކާން ބޭނުންކުރާ އެއްޗެކެވެ. އަދި މި ރެސިޕީން ތިން މީހުންނަށް ކެވޭނެއެވެ.