އެމެރިކާގެ އެންމެ ވަރުގަދަ ސޯޝަލައިޓް އަދި ރިއެލިޓީ ތަރި ކިމް ކާޑޭޝިއަން މީޑިއާ އާ ދުރުން މީހަކާ ގުޅި، ކައިވެންޏެއް ކޮށްގެން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާ ވަރިވި ފަހުން އޭނާ ވަނީ ދެ މީހަކާ ރަށްޓެހިވެފައެވެ. ނަމަވެސް އެއިން އެއްވެސް ގުޅުމެއް މާ ގިނަ ދުވަހަކު ދެމިގެން ގޮސްފައެއް ނުވެއެވެ.
އެންމެ ފަހުން އެކުގައި އުޅުނު ބައިވެރިޔާ އާ ވަކިވި ފަހުން މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ. އެއާއެކު ކިމްއާ އިތުރު މީހަކާ ގުޅޭގޮތުން އެއްވެސް ވާހަކަތަކެއް ދެކެވިފައެއް ނުވެއެވެ.
ނަމަވެސް ދާދިފަހުން ކިމް ހާމަކުރި މައުލޫމާތުތަކަކާ ގުޅިގެން ތަފާތު ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. ކިމްއާއި އޭނާގެ އާއިލާ އެކީގައި ފެނިގެންދާ ރިއެލިޓީ ޓީވީ ޝޯގައި ވާހަކަދައްކަމުން ކިމް ބުނެފައިވަނީ މީޑިއާ އާއި އެހެން މީހުންނާ ސިއްރުން މީހަކާ ގުޅިގެން އުޅޭ ކަމަށެވެ.
ނަމަވެސް ދެ މީހުންގެ ގުޅުމުގެ ސީރިއަސް ވަރު ނޭނގޭތީ އެކަން މީހަކާ ހިއްސާ ކުރަން ބޭނުން ނުވީ ކަމަށް ކިމް ބުންޏެވެ. އެކަމު މިހާރު އެކުގައި އުޅޭ ބައިވެރިޔާ އާއެކު ކައިވެނީގެ ހުވަފެން ދެކެވެން ފަށާފައިވާ ކަމަށް ކިމް އިޝާރާތް ކުރިއެވެ. އެކަމަކު އެއިން އެއްވެސް ވާހަކައަކަށް އިތުރު މައުލޫމާތުތަކެއް ދީފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ޓެބްލޮއިޑް ނޫސްތަކުން ތަފާތު ވާހަކަތައް އަންނަނީ ދައްކަމުންނެވެ. އޭގެތެރޭގައި އެންމެ އާންމުކޮށް ދެކެވެނީ ކިމް މިހާރު މީހަކާ އިނދެގެން އުޅޭ ކަމުގެ ވާހަކައެވެ. އަދި ކުރިއަށް އޮތް މަސްތެރޭގައި މި ވާހަކަތައް އާންމުކުރާނެ ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކިމް ގުޅިގެން އުޅެނީ އެއްވެސް ކަހަލަ ތަރިއެއް އަދި ސެލެބްރިޓީއަކާއެއް ނޫނެވެ. މީޑިއާތަކުގެ ސަމާލުކަމަށް ދެމީހުންގެ ގުޅުން އައިސްފައި ނުވަނީ އެ ސަބަބާހުރެ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ.
ކިމް އެންމެ ފުރަތަމަ ކައިވެންޏެއް ކޮށްފައިވަނީ 2000ގައެވެ. ޑޭމަން ތޯމަސް އާއެކު ކައިވެނިކޮށް ދެމީހުން ހަތަރު އަހަރު އުޅުނެވެ. އެއަށްފަހު އޭނާ ކައިވެނި ކުރީ އެތުލީޓެއް ކަމަށްވާ ކްރިސް ހަމްފްރީސް އާ 2011 ވަނަ އަހަރުގައެވެ.
ދެ މީހުންގެ ކައިވެންޏަށްވީ 76 ދުވަހެވެ. އަދި އެންމެފަހުން ކާންޏޭ އާ ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. އަދި ދެމީހުންގެ ވަރި ފައިނަލް ވެފައިވަނީ 2022 ވަނަ އަހަރުގައެވެ.